ނިއު ޔޯކް/ ނިއު ޖާޒީ ސްޓޭޑިއަމަކީ 82500 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެއް. އެމެރިކާ އިން ހޯސްޓްކުރި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގެ ފައިނަލް މެޗު މީގެ ކުރިން މި ސްޓޭޑިއަމްގައި ވަނީ ކުޅެފައި. އޭގެ ތެރޭގައި، އާޖެންޓީނާ ބަލިކޮށް ޗިލީ އިން 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރި ފައިނަލް މެޗު ހިމެނޭ. އެންއެފްއެލް ދެ ޓީމު ކަމަށްވާ، ނިއުޔޯކް ޖަޔަންޓްސް އާއި ނިއުޔޯކް ޖެޓްސްގެ ހޯމް މެޗުތައް ކުޅޭ މި ސްޓޭޑިއަމްގައި މި ފަހަރުގެ ވޯލްޑް ކަޕްގެ އަށް މެޗެއް ކުޅޭނެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ވެސް ކުޅޭނީ މި ދަނޑުގައި.