އުޒްބެކިސްތާން މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެ ގައުމަށް ލިބުނު ފަހުރުވެރި ކާމިޔާބެކެވެ. ސޯވިއެޓް ޔޫނިއަންގެ އަތް ދަށުން ސަލާމަތްވެ، 90ގެ ކުރީކޮޅު މިނިވަން ގައުމެއްގެ ގޮތުގައި އުޒްބެކިސްތާނުން ފުޓްބޯޅަ ކުރިއެރުުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.
މީގެ ކުރިން ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށްވެސް ޖެހިލި އެވެ. އެކަމަކު، ގިނަ ނާކާމިޔާބީތައް ވަނީ ތަޖުރިބާކޮށްފަ އެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އުޒްބެކިސްތާންގެ ފުޓްބޯޅައިގައި ލިބުނު ބޮޑު ކާމިޔާބެކެވެ.
ވޯލްޑް ކަޕްގެ ޖާގައެއް އުޒްބެކިސްތާނަށް ހޯދުނީ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ އަހަރުތަކެއް ވަންދެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އިން ކުރި ބުރަ މަސައްކަތުންނެވެ. ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ރަނގަޅު ސްޓްރަކްޗާއެއްގެ ތެރެއަށް ފައްތައި، ސްޕޯޓްސް ސްކޫލްތަކާއި އެކެޑަމީތަކާއި ނެޝަނަލް ޕާފޯމަންސް ސެންޓަރުތަކުގެ ބޭނުންކޮށް، ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.
ނުވަދިހައިގެ ކުރީކޮޅާ ހަމައަށް، އުޒްބެކިސްތާން އޮތީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގަ އެވެ. އުޒްބެކިސްތާނަށް ފީފާގެ މެމްބަރުކަން ލިބި، އެ ޓީމުގެ އެންމެ ފުރަތަމަ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގަ އެވެ. އޭގެ ފަހުން އުޒްބެކިސްތާނުން ގަވައިދުން ވޯލްޑް ކަޕް
ކޮލިފައިންގައި ވާދަކުރެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އުޒްބެކިސްތާން އަށް ގިނަ ތަޖުރިބާތަކެއް ކުރެވުނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގެ ޖާގައެއް އެ ޓީމަށް ގެއްލުނީ ޖޯޑަން އަތުން ޕްލޭއޮފްގައި ބަލިވުމުންނެވެ. ޖެހިގެން އައި ވޯލްޑް ކަޕްގެ ކޮލިފައިންގެ ފަހު ބުރަށް ކޮލިފައިވި އެވެ. އެކަމަކު ފަހު ބުރުގައި އެ ޓީމަށް ކުރިމަތިވީ ނާކާމިޔާބެވެ.
ވޯލްޑް ކަޕް 2022ގެ ކޮލިފިކޭޝަންގައި އުޒްބެކިސްތާނަށް ފަހުބުރަށް ވެސް ދަތުރު ނުކުރެވުނެވެ. ކޮވިޑް-19އާ ގުޅިގެން އުތުރު ކޮރެއާ ކޮލިފައިންގެ ގުރޫޕް އެޗް އިން ވަކިވުމުން، އޭއެފްސީ އިން ނިންމީ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ނަތީޖާތައް ނުގުނުމަށެވެ. މި ނިންމުމާއެކު ފައިދާވީ އުޒްބެކިސްތާނާ އެ ގުރޫޕްގައި ވާދަކުރަމުންދިޔަ ލެބެނަން އަށެެވެ. އުތުރު ކޮރެއާއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވީއިރު، އެއް މެޗުން ލެބަނަން އޮތީ ބަލިވެފަ އެވެ.
އޭޝިއާގެ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި އުޒްބެކިސްތާން ވާދަކުރީ ގުރޫޕް އީ ގަ އެވެ. އެ ގުރޫޕްގެ ދެ ވަނަ ހޯދައި، އުޒްބެކިސްތާން ތިން ވަނަ ބުރަށް ދަތުރުކުރި އެވެ. އުޒްބެކިސްތާނަށް ދެވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް އީރާނާއި އުޒްބެކިސްތާން އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ.
ތިން ވަނަ ބުރުގައި އުޒްބެކިސްތާން ލައްވާލީ ގުރޫޕް އޭ ގަ އެވެ. މި ގުރޫޕްގައި އުޒްބެކިސްތާނާ އެކު އީރާނާއި ޔޫއޭއީ އަދި ގަތަރު ވާދަކުރި އެވެ. އުޒްބެކިސްތާން އިން ވޯލްޑް ކަޕްގެ ޖާގަ ހޯދީ މި ގުރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ. ކުޅުުނު 10 މެޗުގެ ތެރެއިން އުޒްބެކިސްތާން ވަނީ ހަ މެޗުން މޮޅުވެ، ތިން މެޗު އެއްވަރުކޮށްފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ.
އުޒްބެކިސްތާން ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ޒުވާން ޑިފެންޑަރު އަބްދުކޯދިރު ހުސާނޯވް އެވެ. ފްރާންސްގެ ލޯންސް އަށް ކުޅުމަށްފަހު، ހުސާނޯވް، މެންޗެސްޓާ ސިޓީއަށް ބަދަލުވީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ހުސާނޯވް ،22، އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އުޒްބެކިސްތާންގެ ފުރަަތަމަ ކުޅުންތެރިޔާ އެވެ.
ހުސާނޯވް އުޒްބެކިސްތާންގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ނެގީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އެނާ ވަނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގައިވެސް ކުޅެފަ އެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި، އުޒްބެކިސްތާންގެ ޓީމުގައި ހުސާނޯވް ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
އުޒްބެކިސްތާންގެ ކެޕްޓަން އެލްޑޯ ޝޮމުރޮޑޯފް އަކީ ވެސް ޔޫރަޕްގެ ފުޓްބޯޅައިގައި ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިއެކެވެ. މިހާރު ތުރުކީގެ އިސްތަންބޫލް ބަަސަކްޝީރަށް ލޯނެއްގެ ގޮތުގައި އޭނާ ކުޅެމުންދަނީ އޭއެސް ރޯމާގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރޯމާ އަށް 2021 ވަނަ އަހަރު ބަދަލުވުމުގެ ކުރިން އޭނާ ވަނީ އިޓަލީގެ ޖެނޯއާ އަށް ކުޅެފަ އެވެ.
ޝޮމުރޮޑޯފްއާ އެކު އިސްތަންބޫލް ބަޝަކްޝީރަށް ކުޅެމުންދާ އުޒްބެކިސްތާންގެ ޒުވާން މިޑްފީލްޑަރު އަބޯސްބެކް ފައިޒުލްލައޭފަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ ފަޔަޒުލްލައޭފް ވަނީ ކުރިން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް ވެސް ކުޅެފަ އެވެ.