އުރުގުއޭ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެވެ. އުރުގުއޭ އަކީ 1930 ވަނަ އަހަރު އެންމެ ފުރަތަމަ ވޯލްޑް ކަޕް ހޯސްޓް ކުރި ގައުމެވެ. އަދި އެންމެ ފުރަތަމަ ޗެމްޕިއަންގެ ޝަރަފުވެސް ހޯދީ އުރުގުއޭ އެވެ.
އުރުގުއޭގެ ރަން ޖީލުގެ ތަރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި އެޑިސަން ކަވާނީ ހިމެނޭ އުރުގުއޭގެ "ރަން ޖީލު"ގެ ގިނަ ކުޅުންތެރިން މިހާރު ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެހެންކަމުން، ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން، މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އުރުގުއޭގެ ޓީމުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ފަހަރުގެ ވޯލްްޑް ކަޕްގައިވެސް އުރުގުއޭ ފެންނަނީ ވަރުގަދަ ޓީމެެއްގެ ގޮތުގަ އެވެ.
އަމިއްލަ ގައުމުގައި، 1930 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކާމިޔާބުކުރަމަށްފަހު، ޖެހިގެން އޮތް ދެ ވޯލްޑް ކަޕްގެ އުރުގުއޭ ބައިވެރިއެއްނުވެ އެވެ. މެދުކެނޑުމަކަށްފަހު، އުރުގުއޭ ބައިވެރިވީ 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އުރުގުއޭ ހޯދި އެވެ. އުރުގުއޭ އިން 1950 ވަނަ އަހަުރގެ ފަހުން ތިން ފަހަރު ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި އެވެ. އެއީ 1954، 1970، އަދި 2010 ވަނަ އަހަރު އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އުރުގުއޭ ދަތުރުކުރިއިރު، ރަޝިއާގައި 2018 ވަނަ އަހަރު އޮތް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އުރުގުއޭ ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ވާދަވެރިކަން ބޮޑު ދެކުނު އެމެރިކާގެ ކޮލިފައިން ބުރުން އުރުގުއޭ ވޯލްޑް ކަޕަށް ކޮލިފައިވީ ހަތަރު ވަނަ މަގާމު ހޯދައިގެންނެވެ. އުރުގުއޭ އަކީ ކޮލިފައިންގައި 28 ޕޮޮއިންޓް ހޯދި ހަތަރު ޓީމުގެ ތެރެއިން އެއް ޓީމެެވެ.
ކޮލިފައިންގެ ފަހުކޮޅު އުރުގުއޭގެ ފޯމު ދަށްވި ނަަމަވެސް، އެ ޓީމުން ވޯލްޑް ކަޕްގެ ޖާގައެއް ލިބޭ މަގާމެއް ކޮލިފައިންގައި ދަމަހައްޓައިފަ އެވެ.
އުރުގުއޭ ކުޅުނު 18 މެޗުގެ ތެރެިއން ހަތް މެޗުން މޮޅުވެފައިވާއިރު، ހަތް މެޗު ވަނީ އެއްވަރުވެފަ އެވެ. އުރުގުއޭ ބަލިވީ ހަތަރު މެޗުންނެވެ.
އުރުގުއޭގެ ޓީމުގެ މިޑްފީލްޑަރު ފެޑްރީކޯ ވަލްވާޑް އަކީ މި ވަގުތު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ރެއާލް މެޑްރިޑަށް ކުޅެމުންދާ ވަލްވާޑް އަކީ 2017 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ކުޅުންތެރިއެކެވެ. މިހާތަނަށް ކޮޕާ އެމެރިކާގެ ތިން މުބާރާތާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ވަނީ އުރުގުއޭއަށް ކުޅެފަ އެވެ.
އުރުގުއޭގެ ކެޕްޓަން ޖޯސޭ މާރިއާ ގިމެނޭޒް އަކީ މި ވަގުތު ޔޫރަޕްގައި ކުޅެމުންދާ އެންމެ ރަނގަޅު އެއް ޑިފެންޑަރެވެ. ޖިމެނޭޒްއާއެކު، އުރުގުއޭގެ ޑިފެންސް ބެލެހެއްޓުމުގައި ބާސެލޯނާގެ ރޮނާލްޑް އަރާއުހޯ އަކީ މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިއެކެވެ.
އުރުގުއޭގެ ފޯވަޑްލައިންގައި މި ވަގުތު އެންމެ މަޝްހޫރު ކުޅުންތެރިއަކަށް ހުރީ ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ކުޅެމުންދާ ޑާވިން ނޫނޭޒް އެެވެ. ގައުމީ ޓީމަށް 2019 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ނޫނޭޒްއަށް އުރުގުއޭގެ އެޓޭކް ވަރަށް ބޮޑަށް ބަރޯސާވާނެ އެވެ.