ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި ފަހަރު ހޯސްޓް ކުރާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އިން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގައި މި ކުޅެނީ 12 ވަނަ ފަހަރު އެވެ.
މިއީ، އެމެރިކާ އިން ވޯލްޑް ކަޕް ހޯސްޓްކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، އެމެރިކާ އިން ވޯލްޑް ކަޕެއް ހޯސްޓްކުރީ 1994 ވަނަ އަހަރު އެވެ. އެ ފަހަރު، އެމެރިކާ އިން އެކަނި ވޯލްޑް ކަޕް ހޯސްޓްކުރި ނަމަވެސް މި ފަހަރު ހޯސްޓްކުރަނީ، އެމެރިކާގެ އަވަށްޓެރި ދެ ގައުމު ކަމަށްވާ، މެކްސިކޯ އާއި ކެނަޑާއާ ގުޅިގެންނެވެ.
ވޯލްޑް ކަޕެއްގައި މިހާތަނަށް އެމެރިކާގެ އެންމެ ރަނގަޅު ނަތީޖާ އެއް ނެރެފައިވަނީ، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ކުރިއަށްގެންދިޔަ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގައި އެމެރިކާ އިން ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ ގޮތުން، އެމެރިކާ އިން އެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖު ފަަހަނައަޅައިދިޔައީ، ޔޫރަޕްގެ ދެ ގައުމު ކަމަށްވާ ޕޯޗުގަލް އާއި ޕޮލެންޑް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ގަދަ 16 ބުރުގައި މެކްސިކޯ އަތުން 2-0 އިން މޮޅުވި އެމެރިކާ އަށް އެ ފަހަރު މުބާރާތް ނިމުނީ ޖަރުމަނު އަތުން 1-0 އިން ބަލިވުމުންނެވެ.
ވޯލްޑް ކަޕެއްގައި މިހާތަނަށް އެމެރިކާ އިން ނެރުނު އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރިތާ 24 އަހަރު ފަހުން، އަމިއްލަ ފަސް ގަނޑުގައި އެމެރިކާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުންނާނީ އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގަ އެވެ.
ޔޫރަޕާއި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ޕޮޗެޓީނޯ އަށް އޮތް ޓާގެޓަކީ، އެމެރިކާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށް އެ ގައުމުގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ. އެއީ ނުކުރެވޭނެ ކަމެއް ކަމަށް ޕޮޗެޓީނޯބުނެފައިނުވި ނަމަވެސް އެއީ ޗެެލެންޖު ބޮޑު މަސައްކަތެއް ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.
އެމެރިކާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަން ޖެހޭ ގްރޫޕްގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، ޕެރަގުއޭ އާއި އޮސްޓްރޭލިއާ އަދި ތުރުކީ އަކީ އެމެރިކާ އަށް އެކި ކަހަލަ ޗެލެންޖުތައް ކުރިމަތިކުރުވާނެ ޓީމުތަކެކެވެ.
ފީފާގެ ރޭންކިން އަށް ބަލާއިރު ވެސް ތުރުކީ އާއި ޕެރަގުއޭ އަދި އޮސްޓްރޭލިއާ އަކީ ރަނގަޅު ހިސާބެއްގައި އޮތް ގައުމުތަކެެކެވެ. އެމެރިކާ އިން ވޯލްޑް ކަޕްގެ ކުރިން ކުޅޭ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެމުން އަންނަނީ ޔޫރަޕާއި ދެކުނު އެމެރިކާ އަދި އެފްރިކާގެ ވަރުގަދަ ގައުމުތަކާ ދެކޮޅަށެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ވޯލްޑް ކަޕަށް އެންމެ ފުރިހަމަ އަށް ތައްޔާރުވުން ކަމަށް އެ ޓީމުގެ ކޯޗު ޕޮޗެޓީނޯ ވަނީ ފާހަގަކޮށްފަ އެވެ.