← ހުރިހާ ޓީމެއް
Türkiye
TUR

ތުރުކީ

Türkiye · GROUP D

ތުރުކީން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގައި މި ވާދަކުރަނީ 24 އަހަރު ފަހުންނެވެ. ތުރުކީން އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2002 ގަ އެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި އެ ފަހަރު ބޭއްވި ވޯލްޑް ކަޕްގައި ތުރުކީން ސެމީ ފައިނަލުގައި ކުޅެފައިވެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ތުރުކީ ވާދަކުރާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ތުރުކީން ވާދަކުރާ ތިން ވަނަ ފަހަރެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އީގައި ތުރުކީ ނިންމަން ޖެހުނީ ސްޕެއިން ފަހަތުން ދެ ވަނައިގަ އެވެ. އެހެންވެ، ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން ތުރުކީން ކުޅެން ޖެހުނީ ޔޫރަޕްގެ ޕްލޭއޮފް ބުރުގަ އެވެ ޕްލޭއޮފްގައި އެ ޓީމުން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެގެން ރުމޭނިއާ އަތުން މޮޅުވީ 1-0 އިންނެވެ. ޕްލޭއޮފް ފައިނަލުގައި ކޮސޯވޯއާ ކުޅެގެން ތުރުކީ މޮޅުވެ، ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމާ އެކު، ތުރުކީގެ ފުޓްބޯޅަ އަށް ބޮޑު ކާމިޔާބެއް ވަނީ ލިބިފަ އެވެ.

އިޓަލީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ހަވާލުވި ފަހުން ތުރުކީ ފުޓްބޯޅައިގެ ގިނަގުނަ ކަންކަން އަންނަނީ ބަދަލުކުރަމުންނެވެ.

އެ ގޮތުން، ގައުމީ ޓީމަށް ރިޕޯޓްކުރުމަށް ފަހު، ކުޅުންތެރިންގެ އަހުލާގީ މިންގަނޑު ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް ބާރު އަޅާ ގިނަ ކަންތައްތަކެއް އޭނާ ވަނީ ގަވާއިދުތަކެއްގެ ސިފައިގައި އެކުލަވާލައިފަ އެވެ. ތުރުކީ އަށް ވޯލްޑް ކަޕެއްގެ ޖާގަ ހޯދައިދިނުމުގައި، މޮންޓެލާ ކުރި މަސައްކަތް ކާމިޔާބު ވުމުގެ އެންމެ ބޮޑު އަސްލަކީ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ އަށް ކަންކަން ނިންމުމަށްޓަކައި ދީފައިވާ ބާރާއި ދިން ސަޕޯޓް ކަމަށް ވަނީ ބުނެފަ އެވެ.

ޔޫރަޕުގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތުރުކީ ޓީމުގައި ހިމެނޭއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިންގް، އާޑާ ގުލާ އަށެވެ.

އިންޓަ މިލާނުގައި ތަފާތު ދައްކަމުން އަންނަ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫގެ ކެޕްޓަން ކަމުގައި މި ފަހަރުގެ ވޯލްޑް ކަޕްގައި ތުރުކީ ނުކުންނައިރު، އެ ޓީމު ހިމެނޭ ގްރޫޕުގައި ޗެލެންޖިން މެޗުތަކެއް ކުޅެން ޖެހޭނެ އެވެ. މިއީ، ތުރުކީ އަށް ރަނގަޅު ހިސާބަކަށް ދިއުމަށް މަގުކޮށަން ބަލާއިރު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގްރޫޕެއް ކަމަށް އެ ޓީމުގެ ކޯޗު މޮންޓެލާ ވެސް ވަނީ ބުނެފަ އެވެ. އެ ގޮތުން، އެމެރިކާ އާއި ޕެރަގުއޭ އަދި އޮސްޓްރޭލިއާ އަކީ ފީފާ ރޭންކިން އަށް ބަލާއިރު ތުރުކީ އަށް ވުރެން ފަހަތުގައި އޮތް ގައުމުތަކަށް ވާތީވެ، ތުރުކީގެ ފުޓްބޯޅަ ސަޕޯޓަރުން މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ ފަރާތުން ރަނގަޅު ފެށުމަކަށް އުންމީދުކުރެ އެވެ.

ތުރުކީގެ މެޗުތައް

ގްރޫޕް ސްޓޭޖް