އުުތުރު އެފްރިކާ އަށް ނިސްބަތްވާ ޓިއުނީޝިއާ އަކީ މިހާރު ވޯލްޑް ކަޕަށް އާ ގައުމެއް ނޫނެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ޓިއުނީޝިއާ ވޯލްޑް ކަޕްގައި ވާދަކުރާ ހަތް ވަނަ ފަހަރެވެ. އަދި، ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. ޓިއުނީޝިއާގެ ގައުމީ ޓީމަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރުމެވެ.
ޓިއުނީޝިއާ ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ ވާދަކުރީ 1978 ވަނަ އަހަރު އެވެ. އެ މުބާރާތުގައި މެކްސިކޯ އަތުން މޮޅުވެ، ޓިއުނީޝިއާ ވަނީ ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުކުރި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދައިފަ އެވެ.
ދިގު މެދުކެނޑުމަކަށްފަހު، ޓިއުނީޝިއާ ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރީ 1998 ވަނަ އަހަރު އެވެ.
އެކާވީސް ވަނަ ގަރުނުގައި ޓިއުނީޝިއާ އަކީ ވޯލްޑް ކަޕަށް ފަރިތަ ނަމެކެވެ. އެ ގޮތުން 21 ވަނަ ގަރުނުގައި ބޭއްވި ހަތް ވޯލްޑް ކަޕްގެ ތެރެއިން ފަސް ވޯލްޑް ކަޕްގައި ޓިއުނީޝިއާ ވަނީ ވާދަކޮށްފަ އެވެ.
އެހެން ނަމަވެސް، ޓިއުނީޝިއާއަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވެ އެވެ. މި އަހަރު ވޯލްޑް ކަޕްގައިވެސް ޓިއުނީޝިއާގެ އަމާޒަކަށް ވާނީ ދެ ވަނަ ބުރަށް ދިއުމެވެ. އެހެން ނަމަވެސް، އެ ޓީމުގެ ހިމެނޭ ގުރޫޕަށް ބަލާޢިރު، އެއީ ފަސޭހަކަމަކަށް ނުވާނެއެވެ.
އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުތަކުން ތިން މޮޅު ހޯދައި، ޓިއުނީޝިއާ އިން ވަނީ ކޮލިފައިން ކެމްޕޭންގެ ކުރީކޮޅު ކޮންޓުރޯލް ހޯދައިފަ އެވެ. އަދި ކޮލިފައިންގައި ހޯދި ރަނގަޅު ފެށުން އެ ޓީމުން ދެމެހެއްޓި އެވެ.
ކޮލިފައިންގައި ޖެހިޖެހިގެން ހަ މެޗުން މޮޅުވެ، ޓިއުނީޝިއާ ވަނީ ކޮލިފައިންގައި ލިބެން އޮތް 30 ޕޮއިންޓްގެ ތެެރެއިން 28 ޕޮއިންޓް ހޯދާފަ އެވެ. ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
އެފްރިކާގެ ކޮލިފައިންގައި ޓިއުނީޝިއާ ވާދަކުރި ގުރޫޕް އެޗްގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން، ނުވަ މެޗުން ވަނީ މޮޅުވެފައެވެ. ކޮލިފައިންގައި ޓިއުނީޝިއާ 22 ލަނޑު ޖެެހިއިރު، އެ ޓީމު ކޮޅަށް އެންމެ ލަނޑެއްވެސް ނުވަދެ އެވެ.
ޓިއުނީޝިިއާ އަކީ ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިކޮޅަށް ލަނޑެއް ނުވަދެ، ވޯލްޑް ކަޕްގެ ޖާގައެއް ހޯދި ފުރަތަމަ ގައުމެވެ.
ޓިއުނީޝިއާގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ކްލަބުތަކަށް ކުޅެމުންދާ ކުޅުންތެރިންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކުޅުންތެިރިޔަކީ ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުންދާ އެލްޔެސް ޝިކީރީއެވެ. ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ޝިކީރީ ދަނީ 2018 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ.
ބާންލީގެ ހަނިބާލް މެޖްބްރީ އަކީ ޓިއުނީޝިއާގެ މިޑްފީލްޑްގައި މުހިންމު ކުޅުންތެރިއެކެވެ. އުމުރުން 23 އަހަރުގެ ހަނިބާލްއަކީ ކުރިން މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ކުޅުންތެރިއެކެވެ. މީގެ އިތުރުން، އެލިއާސް އަޗޫރީ އާއި އިސްމާއިލް ގަރްބީ އަކީ ޓިއުނީޝިއާގެ ޓީމުން ފާހަގަކޮށްލެ ކުޅުންތެރިންނެވެ.