ސްވިޑެން އަކީ އާންމު ގޮތެއްގައި ފޭވަރިޓެއްގެ ގޮތުގައި ވޯލްޑް ކަޕަކަށް ކުރިމަތިލާ ޓީމެއް ނޫނެވެ. އެހެން ނަމަވެސް، އުތުރު ޔޫރަޕްގެ "ސްކެންޑިނޭވިއާ" ސަރަހައްދަށް ނިސްބަތްވާ ސްވިޑެން އަކީ ގޮތް ނޭނގޭ ޓީމެކެވެ.
އުނދަގޫ މަގަކުން ސްވިޑެން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ނަމަވެސް، އެ ޓީމާމެދު އިދިކޮޅު ޓީމުތަކުން ސަމާލުވާނެ އެވެ.
އެންމެ ބޮޑު ސަބަބަކީ، އެ ޓީމުގެ ސްކޮޑުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ހިމެނުމެވެ. ވަކިން ހާއްސަކޮށް، ސްވިޑެންގައި އޮތީ ވަރުގަދަ ފޯވަޑް ލައިނެކެވެ. އިނގިރޭސި ކޯޗު ގްރޭހަމް ޕޮޓާގެ އިރުޝާދުގެ ދަށުން، މި އަހަރުގެ ވޯލްޑް ކަޕްގައި ސްވިޑެން އަކީ "ސަޕްރަައިޒް" ޓީމަކަށް ވެސް ވެދާނެ އެވެ.
ސްވިޑެން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ސްވިޑެން ދަތުުރުކުރި އެވެ. އޭގެ ފަހުން 1938 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ހަތަރު ވަނަ އަދި 1950 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ.
ވޯލްޑް ކަޕްގައި ސްވިޑެން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1958 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް
މުބާރާތުގެ ރަނަރަޕްގެ މަގާމު ހޯދުމެވެ. މުބާރާތުގެ ފައިނަލްގައި ސްވިޑެން ބަލިވީ ބްރެޒިލް އަތުންނެވެ.
އޭގެ ފަހުން ވޯލްޑް ކަޕްގައި ސްވިޑެން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް މުބާރާތުގެ ތިން ވަނަ ހޯދުމެވެ.
އެމެރިކާގައި 1994 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފަހުން ބޭއްވި 7 ވޯލްޑް ކަޕްގެ ތެރެއިން، ސްވިޑެން ކޮލިފައިވީ ތިން ވޯލްޑް ކަޕަށެވެ. އެންމެ ފަހުން ސްވިޑެން ވާދަކުރީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ސްވިޑެން ދަތުރުކުރިއެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ސްވިޑެން ކޮލިފައިނުވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ސްވިޑެން ދިޔައީ ވާދަކުރި ގުރޫޕްގެ ފުލަށެވެ. އެ ގުރޫޕްގައި ސްވިޑަން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް މޮޅެއްނުވެ އެވެ. އެހެން ނަމަވެސް، ޔުއޭފާ ނޭޝަންސް ލީގުގެ ރޭންކިންގެ ސަބަބުން، އެ ޓީމަށް ވޯލްޑް ކަޕަށް ކޮލިފައިންގެ ޕްލޭ އޮފް އިން ޖާގަ ލިބުނެވެ.
ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ސްވިޑަން ވަނީ ޔޫކްރޭން އަތުން މޮޅުވެފައެވެ. އަދި ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ޕްލޭ އޮފްގެ ދެވަނަ މެޗުގައި ޕޯލެންޑް އަތުން 3-2 އިން މޮޅުވެގެންނެވެ. ސްވިޑެންގެ ޓީމަށް ބަލާއިރު އެންމެ ވަރުގަދަ ޑިޕާޓްމަންޓެއްގެ ގޮތުގައި ފެންނަނީ ފޯވަޑްލައިނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ އާސެނަލްގެ ފޯވަޑް ވިކްޓަރ ޔޯކެރޭޝް އެވެ. ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދި ޔޯކެރޭޝް ،27، ވަނީ ވޯލްޑް ކަޕްގެ ޕްލޭއޮފްގައިވެސް ސްވިޑަންއަށް މުހިންމު ގޯލުތަކެއް ކާމިޔާބުކޮށްދީފައެވެ.
ޔޯކެރޭޝްއާ އެކު، ސްވިޑެންގެ ފޯވަޑްލައިންގައި ދެން ފާހަގަކޮށްލެވެނީ ލިވަޕޫލްގެ ފޯވަޑް އެލެކްޒަންޑާ އިސާކް އެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް 2025 / 2026 ވަނަ އަހަރު ސީޒަންގައި އިސާކް އަށް ކުރިމަތިވި ނަމަވެސް، ސްވިޑަންގެ ކޯޗު ޕޮޓާ ވަނީ އޭނާ އަށް އިތުބާރުކޮށް، ސްކޮޑްގައި ހިމަނައިފަ އެވެ.
ނިއުކާސަލް ޔުނައިޓަޑްގެ އެންތަނީ އެލަންގާ އަކީ ސްވިޑަންގެ އެޓޭކްގައި މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިއެކެވެ. މީގެ އިތުރުން އެސްޓަން ވިލާގެ ޑިފެންޑަރު ވިކްޓަރ ލިންޑަލޮފް އާއި ލީޑްސް ޔުނައިޓަޑްގެ ގެބްރިއެލް ގުޑްމުންޑްސަން އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.