މިއީ ދެކުނު ކޮރެއާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖެހިޖެހިގެން ވާދަކުރާ 11 ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1954 ވަނަ އަހަރު ސްވިޒަލެންޑުގައި ހޯސްޓްކުރި މުބާރާތުގަ އެވެ. އޭގެ ފަހުން، ހަތް ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު، ދެކުނު ކޮރެއާ އިން އެނބުރި އައިސް މުބާރާތުގައި ވާދަކުރީ 1986 ވަނަ އަހަރު މެކްސިކޯގައި މުބާރާތް ބޭއްވިއިރު އެވެ. އޭގެ ފަހުން، ފީފާ ވޯލްްޑް ކަޕްގެ ހުރިހާ މުބާރާތެއްގައި ވެސް ދެކުނު ކޮރެއާ ވާދަކުރަމުން އަންނައިރު، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރީ ދެކުނު ކޮރެއާގެ އިތުރުން ޖަޕާން ވެސް ބައިވެރިވެގެންނެވެ.
އަމިއްލަ ގައުމުގައި ހޯސްޓްކުރި ވޯލްޑް ކަޕްގައި، 2002 ވަނަ އަހަރު މުބާރާތުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާ އިން އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްްޑް ކަޕުން ކެޓީ ގަދަ 16 ގެ ބުރުގަ އެވެ. ޕޯޗުގަލް އާއި އުރުގުއޭ އަދި ގާނާ އޮތް ގްރޫޕަކުން ދެކުނު ކޮރެއާ ދެ ވަނަ ހޯދީ ފުރަތަމަ މެޗުގައި އުރުގުއޭއާ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެ ވަނަ މެޗުގައި ގާނާ އަތުން 3-2 އިން ބަލިވި ނަމަވެސް ފަހު މެޗުން ޕޯޗުގަލް އަތުން 2-1 އިން މޮޅުވި އެވެ. ގަދަ 16 ބުރުގައި ބްރެޒިލާ ދެކޮޅަށް ކުޅެ، ދެކުނު ކޮރެއާ ވަނީ 4-1 އިން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ހަތް ވަނަ އަށް ކޮލިފައިވި ގައުމަކީ، ދެކުނު ކޮރެއާ އެވެ. އެ ޓީމުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ އޭއެފްސީ ކޮލިފައިން ތިން ވަނަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިން ބުރުގައި ދެކުނު ކޮރެއާ އިން ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. އެ ޓީމުން ކޮލިފައިން ބުރުގައި އެއްވެސް މެޗަކުން ބަލިވެފައިނުވެ އެވެ.
ދެކުނު ކޮރެއާގެ ކޯޗަކަށް ހުރީ އެ ޓީމަށް ކުރިން ކުޅުނު ހޮން މިޔުން ބޯ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމުގެ ކެޕްޓަން، ސޮން ހެއުން މިން މިހާރު ކުޅެމުން އަންނަނީ އެމެރިކާގަ އެވެ. ޔޫރަޕުގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ދެކުނު ކޮރެއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ، ފާއިތުވި އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ މެޗުތަކުގައި އެ ޓީމުން ހޯދާފައިވާ ކުރިއެރުންތައް ރަނގަޅުވުމެވެ.