← ހުރިހާ ޓީމެއް
South Africa
RSA

ދެކުނު އެފްރިކާ

South Africa · GROUP A

މި ފަަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުރިން، އެންމެ ފަހުން ދެކުނު އެފްރިކާ އިން ފީފާ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އެ ގައުމުގައި މުބާރާތް ހޯސްޓްކުރިއިރު އެވެ. އެ ފަހަރުގެ މުބާރާތުގައި ވެސް ދެކުނު އެފްރިކާ ހިމެނުނީ މެކްސިކޯއާ އެއް ގްރޫޕެއްގަ އެވެ. އިއްތިފާގުން މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ވާދަކުރަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗެކޭ އެއްގޮތަށް މެކްސިކޯ އާއި ދެކުނު އެފްރިކާ އެވެ. އެ ފަހަރު ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުން މޮޅުވުމަކީ، މެކްސިކޯ އާއި ދެކުނު އެފްރިކާގެ ވެސް ހާއްސަ އަމާޒަކަށްވާނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ދެކުނު އެފްރިކާ އިން ދުނިޔޭގެ މައި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި، 16 އަަހަރަށް ފަހު ފުރަތަމަ ފެނިލުމެވެ. މި ފަހަރުގެ ވޯލްޑް ކަޕުން ދެކުނު އެފްރިކާ އިން ޖާގަ ހޯދާފައިވަނީ، އެފްރިކާގެ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިން ގްރޫޕް ސީގައި ކުޅުނު 10 މެޗުގެ ތެރެއިން ދެކުނު އެފްރިކާ ވަނީ ފަސް މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުވިއިރު، ދެ މެޗުން ބަލިވެފަ އެވެ.

ދެކުނު އެފްރިކާ އިން ކޮލިފައިން ބުރުގައި ވަނީ އެ ބައްރުގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު، ނައިޖީރިއާ ފަހަތަށް ޖައްސާލައިފަ އެވެ. އެ ގޮތުން، ނައިޖީރިއާގައި ކުޅުނު މެޗު 1-1 އިން އެއްވަރުކުރިއިރު، އަމިއްލަ ގައުމުގައި ނައިޖީރިއާއާ ކުޅުނު މެޗު ވެސް ނިމުނީ ހަމަ އެ ނަތީޖާއިން އެއްވަރުވެގެންނެވެ. ދެކުނު އެފްރިކާ އިން ކޮލިފައިންގައި ބަލިވީ ރްވާންޑާ އަތުންނާއި ލެސޯތޯ އަތުންނެވެ. ލެސޯތޯ އަތުން ބަލިވި މެޗަކީ، ދެކުނު އެފްރިކާ އިން ނުގަވައިދުން ކުޅުންތެރިއަކު ކުޅުވި މައްސަލައިގައި ލެސޯތޯ އަށް ލިބިގެންދިޔަ މެޗެކެވެ.

ބެލްޖިއަމްގެ ކޯޗު ހޫގޯ ބްރޫސް އަކީ އެފްރިކާ ފުޓްބޯޅައިގައި ތަޖުރިބާ ހުރި ފަރާތެކެވެ. އޭނާ ވަނީ ދެކުނު އެފްރިކާއާ ހަވާލުވުމުގެ ކުރިން ކެމަރޫނަށް ވެސް ކޯޗުކޮށްދީފަ އެވެ. ދެކުނު އެފްރިކާގެ ކޯޗުކަމާ 2021 ވަނަ އަހަރު ހަވާލުވެ، މިވީ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ޓީމާ އެކު ޖުމްލަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މި ފަަހަރުގެ ވޯލްޑް ކަޕަށް ނުކުމެ، ބްރޫސްގެ ޓާގެޓަކީ، މެކްސިކޯ އާއި ދެކުނު ކޮރެއާ އަދި ޗެކް ރިޕަބްލިކް ހިމެނޭ މި ގްރޫޕު ފަހަނައަޅައި މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމެވެ. ދެކުނު އެފްރިކާ އިން ވޯލްޑް ކަޕްގައި މީގެ ކުރިން ކުޅުނު ތިން ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ދެކުނު އެފްރިކާގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32