ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލް އަކީ އެފްރިކާގެ ފުޓްބޯޅައިގައި ވަރުގަދަ ގައުމެކެވެ. މޮޅެތި ކުޅުންތެރިންތަކެއް ނެރެފައިވާ ސެނެގާލް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެފްރިކާގެ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަކޮށް ގެންނަ އެއް ޓީމެވެ. ސެނެގާލް މި ފަހަރު އޮތީ ފަސޭހަ ގުރޫޕެއްގައެއް ނޫނެވެ. ވަރުގަދަ ފްރާންސް އާއި ނޯވޭ ހިމެނޭ ގުރޫޕްގައި ދެވަަނަ ބުރުގެ ޖާގައަށް ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެ އެވެ.
ފްރާންސްގެ އަތްދަށުން ސެނެގާލް އަށް މިނިވަން ލިބުނީ 1960 ވަނަ އަހަރު އެވެ. ހަމަ އެ އަހަރު ސެނެގާލްގެ ފުޓްބޯޅަ ފެޑަރޭޝަން ވަނީ އުފައްދައިފަ އެވެ. ފީފާގެ މެމްބަރަކަށް ސެނެގާލަށް ލިބުނީ 1962 ވަނަ އަހަރު އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަށް ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު، ސެނެގާލަށް އެކަން ކާމިޔާބުވީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުންނެވެ. ސެނެގާލްގެ ފުރަތަމަ ވޯލްޑް ކަޕަކީ އެ ޓީމަށް ތާރީހީ މުބާރާތެކެވެ. އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ފްރާންސް ބަލިކުރި އެވެ. ފްރާންސަކީ އެ ފަހަރުގެ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ޓީމެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ މެޗެކެވެ.
ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ސެނެގާލް ދަތުރުކުރި އެވެ. މިއީ މިހާތަނަށް ސެނެގާލް އަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ސެނެގާލް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުން ސެނެގާލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ސެނެގާލް ދަތުރުކުެރި އެވެ.
އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ބީގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން ސެނެގާލްއާ ރަނގަޅު ވާދައެއް ކުރި ނަމަވެސް، ސެނެގާލް ވަނީ ގުރޫޕްގެ އެއް ވަނަ ހޯދައި، ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ސެނެގާލް ގުރޫޕްގެ އެއްވަނަ ކަށަވަރުކުރީ ކޮލިފައިންގައި ކުޅުނު ފަހު މެޗުގައި މޮރިޓާނިއާ އަތުން 4-0 އިން މޮޅުވެގެންނެވެ. ގުރޫޕްގައި ކުޅުނު 10 މެޗުގެ ތެރެއިން ސެނެގާލް ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވިއިރު، ސެނެގާލް އެއްވެސް މެޗަކުން ބަލިނުވެ އެވެ. ކޮލިފައިންގައި ސެނެގާލް 22 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ އެންމެ ތިން ލަނޑެވެ.
ސެނެގާލްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ ފޯވަޑް ސަޑިއޯ މާނޭ އެވެ. ކުރިން ލިވަޕޫލާއި ބަޔާން މިއުނިކް އަށް ކުޅުނު ތަޖުރިބާކާރު ފޯވަޑް ވަނީ ކޮލިފައިންގައި ވެސް ފަސް ގޯލު ޖަހައިފަ އެވެ. ސެނެގާލްގެ އެޓޭކްގައި މާނޭގެ މުހިންމުކަން ބޮޑެވެ.
މާނޭއާ އެކު، ސެނެގާލްގެ އެޓޭކްގައިވެސް ޔޫރަޕްގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި އެވަޓަންގެ އިލިމަން އެންޑިއާޔޭ، ކްރިސްޓަލް ޕެލެސްގެ އިސްމައިލާ ސާރް، ބަޔާން މިއުނިކްގެ ނިކޮލަސް ޖެކްސަން އަދި ލާޒިއޯގެ ބޮއުލައޭ ޑިއާ ހިމެނެ އެވެ.
ސެނެގާލްގެ ކެޕްޓަން ކަލީދޫ ކުލިބާލީ އަކީ އެ ޓީމުގެ ޑިފެންސްލައިން ތަނބެވެ. ކުލިބާލީއާއެކު ޑިފެންސްލައިންގައި ވެސްޓް ހޭމްގެ އަލް ހާޖީ މާލިކް ދިއޫފާއި ޗެލްސީގެ މަމަދޫ ސާރް ފާހަގަކޮށްލެވެ އެވެ. ސެނެގާލްގެ މިޑްފީލްޑްގައިވެސް ތިބީ ޔޫރަޕްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ވިޔަރެއާލްގެ ޕާޕޭ ގިއޭޔޭ، ޓޮޓެންހަމް ހޮޓްސްޕާގެ ޕާޕޭ މަޓާ ސާރް، އަދި އެވަޓަންގެ އިދްރީސާ ގިއޭޔޭ ހިމެނެ އެވެ.