ސްކޮޓްލެންޑުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅެނީ 28 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. މިއީ، ސްކޮޓްލެންޑުން ފީފާ ވޯލްޑް ކަޕްގައި ކުޅޭނެ ނުވަ ވަނަ ފަހަރެވެ. މީގެ ކުރިން، ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ވާދަކުރި އަށް ފަހަރު ވެސް އެ ޓީމު ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ސްކޮޓްލެންޑުން ކުޅުނު 23 މެޗުން މޮޅުވެފައިވަނީ، އެންމެ ހަތަރު މެޗުންނެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރު ބާއްވާ ވޯލްޑް ކަޕް، މި ފަހަރު މި ބާއްވަނީ 48 ގައުމަށް ވާދަކުރެވޭ ގޮތަށެވެ. މި މުބާރާތުގެ ޖާގަ އެންމެ ގިނައިން ލިބެނީ ޔޫރަޕަށް ނިސްބަތްވާ ގައުމުތަކަށެވެ. ސްޓީވް ކްލާކްގެ ކޯޗުކަމުގައި ކުޅޭ ސްކޮޓްލެންޑުން ވޯލްޑް ކަޕްގެ ޖާގައެއް ހޯދާފައިވަނީ، ޔޫރަޕްގެ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގްރޫޕްގައި ސްކޮޓްލެންޑާ ވާދަކޮށްފައިވަނީ، ކުރިން ވޯލްޑް ކަޕްގައި ގިނަ ފަހަރުތަކެއް ވާދަކޮށްފައިވާ ޑެންމާކްގެ އިތުރުން، 2004 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަން، ގްރީސްގެ އިތުރުން ބެލަރޫސްއާ އެވެ. ސްކޮޓްލެންޑުން ކޮލިފައިން ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ. އެ ޓީމު ވަނީ އެއް މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެފަ އެވެ. ބަލިވެފައިވަނީ، ރަށުންބޭރުގައި ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
ޒަމާންތަކެއް ވަންދެން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކަށް ކޮލިފައިނުވެ އޮތް ސްކޮޓްލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ދެ މުބާރާތަށް ވެސް ކޮލިފައިވެފަ އެވެ. އެހެން ނަަމަވެސް އެ ދެ މުބާރާތުގައި ވެސް އެ ޓީމަށް ގްރޫޕް ސްޓޭޖު ފަަހަނައަަޅައި ދެވޭ ގޮތެއްނުވި އެވެ. ދިގު އިންތިޒާރަކަށް ފަހު، ވޯލްޑް ކަޕަށް އައިސް ވެސް ސްކޮޓްލެންޑަށް ފުރަތަމަ އޮތް ޗެލެންޖަކީ، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.
އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެކި ޑިވިޝަންތަކުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އޮތް ސްކޮޓްލެންޑަށް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވެން އޮތީ، ބްރެޒިލާއި މޮރޮކޯ އަދި ހައިޓީގެ މައްޗަށް ރަނގަޅު ނަތީޖާތަކެއް ނެރެގެންނެވެ.
ނިއުކާސަލްގައި ރޫޑް ގުލިޓްގެ އެސިސްޓަންޓް ކޯޗަކަށާއި ޗެލްސީގައި ހޯސޭ މޮރީނިއޯގެ އެސިސްޓަންޓް ކޯޗަކަށާއި އަދި ލިވަޕޫލްގައި ކެނީ ޑަލްގީޝްގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި، ކްލާކް، 2019 ވަނަ އަހަރު ސްކޮޓްލެންޑާ ހަވާލުވެ، އެ ޓީމު ގޮވައިގެން ދެ ޔޫރޯއެއްގައި ތަޖުރިބާތަކެއް ހާސިލްކޮށްފައިވާއިރު، ވޯލްޑް ކަޕްގައި ތާރީހީ ކުރިއެރުމަަކަށް އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ.