ސައުދީ އަރަބިއްޔާ އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައިވީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމަކީ ވޯލްޑް ކަޕަށް ފަރިިތަ ގައުމެކެވެ. މި ފަހަކަށް އައިސް ފުޓްބޯޅަ ލީގު ވަރުގަދަ ކުރަން ބޮޑެތި ހޭދަތަކެއްކޮށް، ދުނިޔޭގެ މަޝްހޫރުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ސައުދީ ކްލަބުތަކަށް ގެނެސްފަ އެވެ.
ސައުދީ ލީގުގެ މަޝްހޫރުކަން ބޮޑުވިޔަސް، އެ ގައުމުގެ ސަޕޯޓަރުންގެ ބޮޑެތި އުންމީދުތަކެއް ގައުމީ ޓީމާ ވަނީ ގުޅިފަ އެެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ ގުރޫޕް ސްޓޭޖުން ސަލާމަތްވުމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ.
ސައުދީ އަރަބިއްޔާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރު އެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ސައޫދީ އަރަބިއްޔާ ދަތުރުކުރި އެވެ. މިއީ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެ ފަހުން 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.
އޭޝިއާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ވާދަވެރިކަން ބޮޑުވެ، ވޯލްޑް ކަޕް ކޮލިފައިންގައި ސައޫދީ އަރަބިއްޔާ އަށް 2010 އިން 2014 ވަނަ އަހަރާ ހަމައަށް ކާމިޔާބެއް ނުލިބުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްްޑް ކަޕަށް ކޮލިފައިނުވުމަކީ، ސައުދީ އަރަބިއްޔާ އަށް ކުރިމަތިިވި ބޮޑު ނާކާމިޔާބެކެވެ.
ސައުދީ އަރަބިއްޔާ ވޯލްޑް ކަޕަށް އެނބުރި އައީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް މުބާރާތުގަ އެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތަށްވެސް ސައުދީ ކޮލިފައިިވި އެވެ. އެހެން ނަމަވެސް، ދެ މުބާރާތުގައިވެސް ގުރޫޕް ސްޓޭޖުން އެ ޓީމު ވަނީ ކަޓައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސައޫދީ އަރަބިއްޔާ އިން ކުރީ އުނދަގޫ ދަތުރެކެވެ. ކޮލިފައިންގެ ދެވަނަ ބުރުގައި ސައުދީ އަރަބިއްޔާ ވާދަކުރި ގުރޫޕް ދެވަަނަ ލިބުުމުން، ތިން ވަނަ ބުރުގައި އެ ޓީމު ލައްވާލީ ވަރުގަދަ ޖަޕާން އާއި އޮސްޓްރޭލިއާ ހިމެނޭ ގުރޫޕަށެވެ. އެ ގުރޫޕުން ސައުދީ ފަހަތަށް ޖައްސާލައި، ވޯލްޑް ކަޕަށް ކޮލިފައިވީ ޖަޕާނާއި އޮސްޓްރޭލިއާ އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސައުދީ އަރަބިއްޔާ އަށް ޖެހުނީ ހަތަރު ވަނަ ބުރުގައި ވާދަކުރާށެވެ. އިރާގާއި އިންޑޮނޭޝިއާއާ ވާދަކޮށް، ސައުދީ ވަނީ ހަތަރު ވަނަ ބުރުގެ ގުރޫޕް ބީގެ އެއްވަަނަ ހޯދައި، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
ސައުދީ އަރަބިއްޔާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ކެޕްޓަން ސާލެމް އަލް ދައުސާރީ އެވެ. ސައުދީގެ އަލް ހިލާލަށް އަށް ކުޅެމުންދާ އުމުރުން 34 އަހަރުގެ އަލް ދައުސާރީއަކީ ޓީމުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އަލް ދައުސާރީ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާގެ ޓީމުން ނަގާ ކިޔަން ހުރ ކުޅުންތެރިއެކެވެ.
ސައުދީ އަރަބިއްޔާގެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގައުމުން ބޭރުގައި ކުޅޭ މަދު ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ލޯންސްއަށް ކުޅެމުންދާ ސައުދު އަބްދުލްހާމިދު ހިމެނެ އެވެ. ކުރިން އިޓަލީ އޭއެސް ރޯމާއަށް ކުޅުނު ސައުދަކީ ސައުދީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.