← ހުރިހާ ޓީމެއް
Qatar
QAT

ޤަޠަރު

Qatar · GROUP B

އެންމެ ފަހުން، 2022 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ހޯސްޓްކުރި ގަތަރުން ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގައި ކުޅުނީ ވެސް އެ ފަަހަރު އެވެ.. އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތުން ކެޓިއިރު، ގަތަރަކީ ވޯލްޑް ކަޕް ތާރީހުގައި ވެސް އެންމެ ދަށް ރެކޯޑަކާ އެކު މުބާރާތް ނިންމާލަން ޖެހުނު ޓީމެވެ.

އެކަމަކު، އެންމެ ފަހުން، 2019 އާއި 2023 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދި ގަތަރުން މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލަނީ ކުރިން ފަަހަރުގެ މުބާރާތުގެ ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުކުރުމަށް ކަމަށް ގަތަރުގެ ކޯޗުކަމާ ހަވާލުވެ ހުރި ސްޕެއިނުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ ބުނެފައިވެ އެވެ.

ރެއާލް މެޑްރިޑަށް ވެސް ކުރިން ކޯޗުކޮށްދިން ލޮޕެޓެގީ، ގަތަރުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ގަތަރާ ހަވާލުވެ މިހާތަނަށް އޭނާގެ ޕްލޭނާ އެކު، އެ ޓީމުން ގިނަ މެޗުތައް ކުޅެފައިވަނީ މަތީ ފަންތީގެ ގައުމުތަކާ ދެކޮޅަށެވެ. ގަތަރަށް ލޮޕެޓެގީގެ ކޯޗުކަމުގައި މޮޅުވެވުނީ ކުޅުނު 10 މެޗުގެ ތެރެއިން ދެ މެޗުންނެވެ. ފަސް މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. މޮޅުވި ދެ މެޗަކީ، އިރާނާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗާއި ޔޫއޭއީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗެވެ.

ގަތަރުން ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރީ އޭއެފްސީ ވޯލްޑް ކަޕް ކޮލިފައިންގެ ހަތަރު ވަނަ ބުރުގައި ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. ގަތަރާ ދެކޮޅަށް މި ގްރޫޕްގައި ކުޅެފައިވަނީ، އޮމާނާއި ޔޫއޭއީ އެވެ. އޮމާނާ ދެކޮޅަށް އެއްވަރުވި ނަމަވެސް ޔޫއޭއީ އަތުން ވަނީ މޮޅުވެފަ އެވެ. މި ދެ މެޗަކީ ވެސް ލޮޕެޓެގީ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު މެޗުތަކެކެވެ.

ގަތަރު ސްކޮޑުގެ މެޖޯރިޓީ ކުޅުންތެރިން ކުޅެމުން އަންނަނީ އެ ގައުމުގެ ލީގުގަ އެވެ. ސްޕެއިނުގެ ކްލަބްތަކަށް ކުޅޭ ބައެއް ކުޅުންތެރިން ގަތަރުގެ ޓީމުގައި ހިމެނުނު ކަމުގައި ވިޔަސް އެ ކުޅުންތެރިންނަކީ އެންމެ މަތީ ލެވަލް މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިންނެއް ނޫނެވެ. މިއީ، މި ފަހަރުގެ ވޯލްްޑް ކަޕްގައި ވެސް ގަތަރަށް ދިމާވާނެ މައްސަލައެއްގެ ގޮތުގައި ދުނިޔޭގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. ހާއްސަ ގޮތެއްގައި ގަތަރު ހިމެނޭ ގްރޫޕްގައި އޮތް، ޔޫރަޕްގެ ދެ ގައުމު ކަމަށްވާ، ބޮސްނިއާ އާއި ސްވިޒަލެންޑްގެ ފަރާތުން ގަތަރަށް ބޮޑު ޗެލެންޖެއް އޮތްއިރު، ދެން، މި ގްރޫޕްގައި އޮތް ވޯލްޑް ކަޕްގެ އެއް ހޯސްޓް، ކެނަޑާ އަކީ ވެސް ގަތަރަށް ފަސޭހަ ނުވާނެ ޓީމެކެވެ.

ޤަޠަރުގެ މެޗުތައް

ގްރޫޕް ސްޓޭޖް