← ހުރިހާ ޓީމެއް
Portugal
POR

ޕޯޗުގަލް

Portugal · GROUP K

ޕޯޗުގަލް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެކެވެ. ޔުއޭފާ ނޭޝަންސް ލީގު މިދިޔަ އަހަރު ކާމިޔާބުކުރި ޕޯޗުގަލްގައި މި ވަގުތު އޮތް ޓީމުގައި ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުޅުންތެރިން ހިމެނެ އެވެ.

ޕޯޗުގަލް އަކީ މި ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. އެހެން ނަމަވެސް، ވޯލްޑް ކަޕްގެ ތަށި ހޯދުމަށް އެ ޓީމުން ކުރަމުންދާ އުންމީދު އަދި ހާސިލެއްނުވެ އެވެ. މި ފަހަރު ވެސް އެ ޓީމުގެ އަމާޒަކަށްވާނީ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. ޕޯޗުގަލްގައި މި ވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު، އެ ފެންވަރުގެ ޓީމެއް އެބައޮތެވެ.

އިންގްލެންޑްގައި 1966 ވަނަ އަހަރު އޮތް ވޯލްޑް ކަޕަކީ ޕޯޗުގަލް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ޕޯޗުގަލްގެ ލެޖެންޑް ޔުސޭބިއޯގެ މޮޅު ކުޅުމާ އެކު، އެ މުބާރާތުގެ ތިން ވަނަ ޕޯޗުގަލް ހޯދި އެވެ.

އެހެން ނަމަވެސް، އެ ކާމިޔާބީގައި ޕޯޗުގަލް އަށް ކުރިއަށް ދެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން، ޕޯޗުގަލް ކޮލިފައިވި ވޯލްޑް ކަޕަކީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތެވެ. އެ މުބާރާތުން ޕޯޗުގަލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު ވޯލްޑް ކަޕް އިން ފެށިގެން، ޕޯޗުގަލް ދަނީ ގަވައިދުން ވޯލްޑް ކަޕަށް ކޮލިފައިވަމުންނެވެ. ޕޯޗުގަލް އަށް 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2006 ވަނަ ޖަރުމަންގައި އޮތް މުބާރާތުގެ ތިން ވަނަ ހޯދުމެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ކުއާޓަ ފައިނަލްގަ އެވެ.

ޕޯޗުގަލް ވޯލްޑް ކަޕްގެ ޖާގައެއް ހޯދީ ޔޫރަޕްގެ ކޮލިފައިން ބުރުގައި ކުޅުނު ފަހު މެޗުގައި އާމިނިއާ އަތުން 9-1 އިން މޮޅުވެ، ގުރޫޕް އެފްގެ އެއްވަނަ ހޯދައިގެނެވެ. ރިޕަބްލިކް އޮފް އަޔަލޭންޑާއި ހަންގޭރީ މި ގުރޫޕްގައި ޕޯޗުގަލްއާ ރަނގަޅު ވާދައެއް ކުރި ނަމަވެސް، ޕޯޗުގަލް ގުރޫޕްގެ އެއް ވަަނަ ހޯދީ ކުޅުނު ހަ މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެގެން ލިބުނު 13 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އަޔަލޭންޑް ގުރޫޕް ނިންމާލީ 10 ޕޮއިންޓާއެކު އެވެ.

ޕޯޗުގަލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ދެހާސް ތިން ވަނަ އަހަރު ޕޯޗުގަލްގެ ގައުމީ ޓމަށް ކުޅެން ފެށި ރޮނާލްޑޯ ،41، އަކީ މިހާރު ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަންކަމާ ރޮނާލްޑޯ ހަވާލުވީ 2008 ވަނަ އަހަރެވެ. ޕޯޗުގަލްގެ ތާރީހުގައި ކާމިޔާބުކުރި ބައިނަލްއަގުވަމީ ފުރަތަމަ މުބާރާތް ކަމަށްވާ 2016 ވަނަ އަހަރު ޔޫރޯ ހޯދީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ޔުއޭފާ ނޭޝަންސް ލީގުވެސް ޕޯޗުގަލް އިން ކާމިޔާބުކުރި އެވެ.

މިއީ ރޮނާލްޑޯގެ ހަ ވަނަ ފީފާ ވޯލްޑް ކަޕެވެ. އުމުރުން 41 އަހަރުގައި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށްވުމުގެ ފުރުސަތު ބޮޑެވެ. ކާމިޔާބީތަކުން ފުރިގެންވާ ކެރިއަރުގައި، މިހާރު ރޮނާލްޑޯއަށް މަދުވަނީ ހަމައެކަނި ވޯލްޑް ކަޕެވެ.

ޕޯޗުގަލްގެ ޓީމުގައި ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ނަން ހިނގާ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓަޑްގެ ބްރޫނޯ ފެނާންޑޭސް އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެ ޓީމުގެ ރުބެން ޑިއާސް އާއި އޭސީ މިލާންގެ ރަފައެލް ލެއާއޯ އާއި ޕީއެސްޖީގެ ޖޮއާއޯ ނެވެސް އަދި ވިޓީނިއާ ހިމެނެ އެވެ.

ޕޯޗުގަލްގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16