← ހުރިހާ ޓީމެއް
Paraguay
PAR

ޕެރަގުއޭ

Paraguay · GROUP D

މިއީ، ޕެރަގުއޭ އިން ވޯލްޑް ކަޕްގައި ކުޅޭ ނުވަ ވަނަ ފަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ދެކުނު އެމެރިކާ އިން ކޮލިފައިވި ތިން ވަނަ ގައުމަކީ ޕެރަގުއޭ އެވެ.

ޕެރަގުއޭ އިން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕުގައި މި ވާދަކުރަނީ، 16 އަހަރަށް ފަހު އެވެ. އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ.

ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕަކީ މިހާތަނަށް ޕެރަގުއޭ އަށް އެންމެ ކާމިޔާބު ވޯލްޑް ކަޕް ވެސް މެ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގައި ޕެރަގުއޭ އިން ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ޕެރަގުއޭ އިން އެ ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާގައި ކުޅެފައިވަނީ، އިޓަލީ، ނިއު ޒީލެންޑް އަދި ސްލޮވާކިއާއާ އެއް ގްރޫޕެއްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެގެންނެވެ. އެ ގްރޫޕްގެ އެއް ވަނަ ހޯދައި، ގަދަ 16 އިގެ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަޕާން އަތުން މޮޅުވި ނަމަވެސް، ކުއާޓާ ފައިނަލުގައި 1-0 އިން ސްޕެއިން އަތުން ޕެރަގުއޭ ވީ ބައްޔެވެ.

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގެ ހަ ވަނަ ހޯދި ޕެރަގުއޭ އިން ކުޅެމުން އަންނަނީ، އާޖެންޓީނާގެ ކޯޗު ގުސްޓާވޯ އަލްފާރޯގެ ކޯޗުކަމުގަ އެވެ. އެކުއެޑޯ އާއި ކޮސްޓަ ރިކާ އަށް ކޯޗުކޮށްދިން ގުސްޓާވޯ، ޕެރަގުއޭއާ ހަވާލުވީ މީގެ ދެ އަހަރު ކުރިންނެވެ. ގުސްޓާވޯ އަކީ މި ފަހުން ޕެރަގުއޭއާ ހަވާލުވި ކޯޗުންގެ ތެރެއިން، އެ ގައުމުގެ ކުޅުންތެރިންނާ އެންމެ ގުޅޭ ފުޓްބޯޅައެއް ކުޅުވާ ކޯޗެވެ.

ޕެރަގުއޭ އިން ތިން ވޯލްޑް ކަޕަށް ފަހު، އެނބުރި މި ފަހަރުގެ ވޯލްޑް ކަޕަށް އައިސް ވާދަކުރާއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމު ހިމެނެނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި އޮތް ޓީމުތަކަށް ބަލާއިރު، އެމެރިކާ، އޮސްޓްރޭލިއާ އަދި ތުރުކީ އަކީ، ޕެރަގުއޭ އަށް ބަލިކުރެވޭނެ ޓީމުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ވޯލްޑް ކަޕްގައި މި ފަހަރު ޕެރަގުއޭ އިން ކުޅޭ ފުރަތަމަ މެޗުގައި އެމެރިކާއާ ބައްދަލުކުރަން ޖެހޭއިރު، މި ދެ ޓީމު ވަނީ މިދިޔަ އަހަރު އެމެރިކާގައި އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ޕެރަގުއޭ ބަލިވިނަމަ ވެސް އެ ޓީމުގެ ކޯޗު ގުސްޓާވޯ ވަނީ ގިނަ ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށް ބުނެފަ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަަޕަކީ ޕެރަގުއޭ އަށް އުފާވެރި މުބާރާތަކަށްވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕެރަގުއޭ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ޔޫރަޕާއި ދެކުނު އެމެރިކާގެ ވަރުގަދަ މުބާރާތްތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިންނެވެ. އެހެންކަމުން، ވޯލްޑް ކަޕްގައި ވެސް އެ ކުޅުންތެރިންނަށް ފެންވަރު ދެއްކޭނެ ކަމަށް ގުސްޓާވޯ ވަނީ ބުނެފަ އެވެ. އަދި، އެއީ، ޕެރަގުއޭއާ މެދު ޓީމުތަކުން ސަމާލުވާ މިންވަރު އިތުރުވާނެ ކަމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޕެރަގުއޭގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16