← ހުރިހާ ޓީމެއް
Panama
PAN

ޕެނަމާ

Panama · GROUP L

މިއީ ޕެނަމާ ވޯލްޑް ކަޕްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި ސެންޓްރަލް އެމެރިކާގެ އެންމ ވަރުގަދަ ޓީމެއްގެ ގޮތުގައި މިހާރު ފެންނަނީ ޕެނަމާ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ސެންޓްރަލް އެމެރިކާ ތަމްސީލުކުރާ ހަމައެކަނި ގައުމަކީ ވެސް ޕެނަމާ އެެވެ.

ޕެނަމާ ވޯލްޑް ކަޕް ކޮލިފައިން އެންމެ ފުރަތަމަ ވާދަކުރީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބޭއްވި ކޮލިފައިންގަ އެވެ. އޭގެ ފަހުން ޕެނަމާ ގަވައިދުން ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި އެވެ. ޕެނަމާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ކާމިޔާބުވީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމުންނެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ޕެނަމާ ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޕެނަމާ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ތިން ވަނަ ބުރުގައި އެ ޓީމު ވާދަކުރި ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޕެނަމާ ތިން ވަނަ ބުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. ޕެނަމާ ގުރޫޕްގެ އެއް ވަނަ ހޯދީ 12 ޕޮއިންޓާއެކު އެވެ. ޕެނަމާ ތިން ވަނަ ބުރުގައި ކުޅުނު ހަ މެޗުން ނުވަ ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ ހަތަރު ލަނޑެވެ.

ޕެނަމާ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ މެކްސިކޯ ޕޫމަސް އަށް ކުޅެމުންދާ މިޑްފީލްޑަރު އަޑަލްބާޓޯ ކަރަސްކީލާ އެވެ. އުމުރުން 27 އަަހަރުގެ އަޑަލްބާޓޯ ގައުމީ ޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެނަމާ ޓީމުގައި އޭނާ މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ.

ޕެނަމާގެ ކެޕްޓަން، އުމުރުން 36 އަހަރުގެ އަނިބަލް ގޮޑޯއީ އަކީ އެ ޓީމުގެ މިޑްފީލްޑްގެ ތަނބެވެ. ޕެނަމާގެ ގައުމީ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ގޮޑޯއީ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ކުޅުނު ކުޅުންތެރިއެކެވެ.

ޕެނަމާގެ މެޗުތައް

ގްރޫޕް ސްޓޭޖް