އުތުރު ޔޫރަޕްގެ ސްކެންޑިނޭވިއާ ސަރަހައްދުގެ ގައުމެއް ކަމަށްވާ ނޯވޭ އަކީ މި ފަހަކަށް އައިސް ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ގައުމެވެ.
ނޯވޭގައި މިހާރު އޮތް ޓީމުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެމުންދާ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. މި ޓީމަކީ ނޯވޭގެ "ރަން ޖީލު"ގެ ގޮތުގައި ސިފަކުރެވިފައިވާ ޓީމެކެވެ. ނޯވޭ މި ފަހަކަށް އައިސް ނެރިފައިވާ ނަތީޖާތަކުން، މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމާމެދު ކުރެވެމުންދާ އުންމީދުތައް ވަނީ ބޮޑުވެފަ އެވެ. އެހެންކަމުން، މި ފަަހަރުގެ ވޯލްޑް ކަޕްގައި ނޯވޭ އަކީ ރަނގަޅު ވާދައެއް ކުރާނެ ޓީމެއް ކަމަށް ބެލެވެެ އެވެ.
ނޯވޭ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ބައިވެރިވީ 1938 ވަނަ އަހަރެވެ. ފްރާންސްގައި އެ އަހަރު އޮތް މުބާރާތުގެ ގަދަ 16ގެ ބުރަށް ނޯވޭ ދަތުރުކުރި އެވެ. އޭގެ ފަހުން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ.
އެމެރިކާގައި 1994 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ނޯވޭ ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އޭގެ ހަތަރު އަހަރު ފަހުން، ފްރާންސްގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ނޯވޭ ދަތުރުކުރި އެވެ. ފްރާންސްގައި 1998 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު، ނޯވޭ އިން ޖެހުނީ ވޯލްޑް ކަޕްގައި ކުޅެން ދިގު އިންތިޒާރެއް ކުރާށެެވެ. މިއީ 1998ގެ ފަހުން ނޯވޭ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ނޯވޭ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ހުރިހާ މެޗަކުން މޮޅުވެގެން ވޯލްޑް ކަޕްގެ ޖާގައެއް ހޯދި ހަތަރު ގައުމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ވޯލްޑް ކަޕްގެ ކޮލިފައިންގެ ގުރޫޕް އައިގައި ނޯވޭ ކުޅުނު އަށް މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މި ގުރޫޕްގެ އެއް ވަނަ ނޯވޭ އިން ހޯދީ އިޓަލީ ފަހަތަށް ޖައްސާލުމަށްފަހު އެވެ. ކޮލިފައިންގައި ނޯވޭ ކުޅުނު އަށް މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 32 ލަނޑު ޖަހައިފަ އެވެ. އެ މެޗުތަކުގައި ނޯވޭ ކޮޅަށް ވަނީ އެންމެ ފަސް ލަނޑެވެ.
ނޯވޭގެ ޓީމުގައި ތިބީ ޔޫރަޕްގެ ބޮޑެތި ލީގުގެ ތަރިންނެވެ. ނޯވޭގެ ފޯވަޑްލައިން ލީޑު ކުރާނީ މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑެވެ. މި ވަގުތު މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. ނޯވޭގެ ގައުމީ ޓީމަށް 2019 ވަނަ އަހަރު ކުޅެންފެށި ހާލަންޑް ވަނީ 49 މެޗުން 55 ލަނޑު ޖަހައިފަ އެވެ.
ހާލަންޑާ އެކު ފޯވަޑްލައިންގައި ދެން ތިބީ އެތުލެޓިކޯގެ މެޑްރިޑްގެ އެލެކްޒަންޑާ ސޯލޯތު އަދި ކްރިސްޓަލް ޕެލެސްގެ ޖޯގެން ސްޓްރާންޑް ލާސަން އެވެ.
ނޯވޭގެ ކެޕްޓަނަކީ އާސެނަލްގެ މާޓިން އޮޑެގާޑް އެވެ. އާސެނަލް އަށް ކުޅެމުންދާ އޮޑެގާޑާ އެކު، ފުލަމްގެ އޮސްކާ ބޮބް އާއި ސެންޑަ ބާގްގެ އިތުރުން ބެންފީކާގެ އަންދްރެއަސް ޝެލްޑްރް ފާހަގަކޮށްލެވެ އެވެ.