މި އަހަރުގެ ވޯލްޑް ކަޕަކީ ނިއު ޒިލޭންޑްގެ ތިން ވަނަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގައި މާ ބޮޑު ތާރީހެއް ނެތް ނަމަވެސް، ނިއު ޒިލޭންޑްގެ އަމާޒަކަށް ވާނީ މި އަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
އޯޝެނިއާގެ ފުޓްބޯޅައިގައި ނިއު ޒިލޭންޑަކީ މުހިންމު ގައުމެކެވެ. ނިއު ޒިލޭންޑަކީ އޯޝޭނިއާގެ ފުޓްބޯލް ކޮންފެޑަރޭޝަންގެ ފައުންޑިން މެމްބަރެކެވެ.
ނިއު ޒިލޭންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1982 ވަނަ އަހަރެވެ. ސްޕެއިންގައި އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި ނިއު ޒިލޭންޑް ވާދަކުރި އެވެ. ނިއު ޒިލޭންޑްގެ ދެ ވަނަ ވޯލްޑް ކަޕަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް މުބާރާތެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނިއު ޒިލޭންޑް ކުޅުނު ތިން މެޗުވެސް ވަނީ އެއްވަރުވެފަ އެވެ. ނިއު ޒިލޭންޑް ގުރޫޕް ސްޓޭޖް ނިންމާލީ އެ ގުރޫޕްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށްވުރެ ކުރީގައި އޮވެގެންނެވެ.
އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޯ.އެފް.ސީ) އަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބުމާއެކު، އެ ސަރަހައްދުގެ ވޯލްޑް ކޮލިފައިންގެ ފޯރިގަދަވި އެވެ. އެކަމަކު، ނިއު ޒިލޭންޑްވަނީ އެ ޓީމަކީ އޯޝޭނިއާގެ އެންމެ ވަރުގަަދަ ޓީމުކަން ސަބިތުކޮށްދީފަ އެވެ. ކޮލިފައިންގެ ދެ ވަނަ ބުރުގައި ގުރޫޕް އެއްވަނަ ފަސޭހަކަމާއެކު ހޯދައި، ނިއު ޒިލޭންޑް ތިން ވަނަ ބުރަށް ދަތުރުކުރިއެވެ.
ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި ފިޖީ އަތުން ނިއު ޒިލޭންޑް މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި، ފައިނަލް މެޗުގައި ނިއު ކަލެޑޯނިއާ އަތުން 3-0 އިން މޮޅުވެ، ނިއު ޒިލޭންޑް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިފަ އެވެ.
ނިއު ޒިލޭންޑް ޓީމުގެ އެންމެ މަޝްހޫރު ތަރިއަކީ އެ ޓީމުގެ ކެޕްޓަން ކްރިސް ވުޑް އެވެ. ނޮޓިންހަމް ފޮރެސްޓަށް ކުޅެމުންދާ ވުޑް ވަނީ ގައުމީ ޓީމަށް 45 ލަނޑު ޖަހައިދީފަ އެވެ. އަދި ނިއު ޒިލޭންޑް ޓީމު ލީޑު ކުރުމުގައި އޭނާ މުހިންމު ރޯލެއް އަދާކުރެ އެވެ.
ވުޑްއާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ކުޅުނު ޓޮމީ ސުމިތު ވެސް ނިއު ޒިލޭންޑްގެ ޓީމުން ފެންނާނެ އެވެ. މި ދެ ކުޅުންތެރިންނަކީ ދެ ވޯލްޑް ކަޕްގައި ކުޅޭ ނިއު ޒިލޭންޑްގެ ފުރަތަމަ ކުޅުންތެރިންނެވެ. ނިއު ޒިލޭންޑްގެ ޑިފެންސްލައިންގައި ޓޮމީގެ ތަޖުރިބާ މުހިންމުވާނެ އެވެ.