މީގެ ހަތަރު އަހަރު ކުރިން، ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ، އަދި އެންމެ ގިނަ ބަޔަކަށް އެ ގައުމެއްގެ އަޑު އިވުނު ގައުމަކީ، މޮރޮކޯ އެވެ.
ދާދި ފަހުން، އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަން (ކާފް)ގެ ނިންމުމެއްގެ ސަބަބުން، އެފްރިކާގެ ޗެމްޕިއަންގެ ލަގަބު ލިބިގެންދިޔަ، މޮރޮކޯ އިން އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އާދަޔާހިލާފު ނަތީޖާތަކެއް ނެރެ މުބާރާތުގެ ހަތަރު ވަނަ ވަނީ ހޯދައިފަ އެވެ. މޮރޮކޯ އިން ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަަޕްގެ ސެމީ ފައިނަލަށް ދިޔައީ، ގަދަ 16 އިގެ ބުރުގައި ސްޕެއިން، އަދި ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކަޓުވާލައިފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި ފްރާންސް އަތުން އަދި ތިން ވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވި އެވެ. އެހެން ނަމަވެސް މޮރޮކޯ އަކީ އެންމެ ފަހުން ވޯލްޑް ކަޕްގައި ކާމިޔާބު ޓީމެކެވެ.
މި އަަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރަން އެންމެ ފުރަތަަމަ ބިޑް ކުރި އެއް ގައުމު، މޮރޮކޯ އިން މި ފަހަރު ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދީ އެފްރިކާގެ ކޮލިފައިން ބުރުގެ ގްރޫޕް އީގެ އެއް ވަަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގައި މޮރޮކޯ އިން ކުޅުނު އަށް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ޖުމްލަ އެކު، 22 ގޯލު ޖެހިއިރު، ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
މިއީ، މޮރޮކޯ އިން ވޯލްޑް ކަޕްގައި ކުޅޭ އަށް ވަނަ ފަހަރެވެ. މީގެ ކުރިން މޮރޮކޯ އަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައިވަނީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން، 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ގަދަ 16 ބުރުން މޮރޮކޯ ކެޓީ ހުޅަނގު ޖަރުމަނު އަތުން ބަލިވުމުންނެވެ.
މޮރޮކޯގެ ކޯޗަކަށް ހުރި ވަލީދު ރެގްރާގީ ވަނީ މި އަހަރުގެ އެފްރިކަން ކަޕްގެ ފައިނަލަށް ފަހު އެ ޓީމުގެ ކޯޗުކަމުން ވަކިވެފަ އެވެ. ރެގްރާގީ އަކީ އެންމެ ފަހުން ވޯލްޑް ކަޕްގައި އެ ޓީމުގެ ނަތީޖާތައް ނެރުމުގައި އެންމެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެވެ. އެކަމަކު، ސެނެގާލް އަތުން އެފްރިކަން ކަޕް ފައިނަލުގައި ކުޅެގެން ބަލިވި ގޮތުން، ރެގްރާގީ ނިންމީ ޓީމު ދޫކޮށްލުމަށެވެ. މޮރޮކޯގެ ކޯޗުކަން ހަވާލުކުރީ، ކުރިން މޮރޮކޯގެ 20 އަަހަރުން ދަށުގެ ޓީމާއި މޮރޮކޯ 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިން މުހައްމަދު އުއާބީ އެވެ.
އުއާބީ އަކީ މޮރޮކޯ އަށް މިދިޔަ އަހަރު ބޭއްވި ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗެވެ. އުއާބީ އަކީ، މޮރޮކޯ ފުޓްބޯޅަ ދެން އޮތް ހަރުފަތަށް ގެންގޮސްދޭނެ ކޯޗުކަން ސާބިތުކޮށްދޭން ޖެހޭނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.