← ހުރިހާ ޓީމެއް
Mexico
MEX

މެކްސިކޯ

Mexico · GROUP A

ފީފާ އިން ބާއްވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގެ 23 ވަނަ މުބާރާތް މި ފަހަރު ކުރިއަށްދާއިރު، މެކްސިކޯ އިން ވަނީ 18 މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ތެެެރެއިން ތިން މުބާރާތެއްގައި އެ ޓީމުން ވާދަކުރަނީ ހޯސްޓްގެ ގޮތުގަ އެވެ. އެންމެ ފުރަތަމަ އެ ޓީމުން 1930 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނުއިރު، އެ ގައުމުން ވޯލްޑް ކަޕް ހޯސްޓެއްގެ ގޮުތުގައި 1970 އާއި 1986 ވަނަ އަހަރުގެ މުބާރާތުގައި ކުޅެފައިވެ އެވެ. އަމިއްލަ ގައުމުގައި މީގެ ކުރިން ހޯސްޓްކުރި ދެ ފަހަރު ވެސް މެކްސިކޯ އަށް ދެވުނީ މުބާރާތުގެ ކުއާޓާ ފައިނަލަށެވެ. އެއީ، މިހާތަނަށް ވޯލްޑް ކަޕެއްގައި މެކްސިކޯގެ އެންމެ ރަނގަޅު ނަތީޖާ ވެސް މެ އެވެ..

ގަތަރުގައި 2022 ވަނަ އަހަރުގައި ބޭއްވި ވޯލްޑް ކަޕްގައި މެކްސިކޯ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެެވެ. ގްރޫޕްގެ ތިން ވަނަ ދިޔަ މެކްސިކޯ އިން ވަނީ ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި ޕޮލެންޑާ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި އާޖެންޓީނާ އަތުން 2-0 އިން މެކްސިކޯ ވަަނީ ބަލިވެފަ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި، މެކްސިކޯ އަށް 2-1 އިން ސައުދީ އަރަބިއްޔާ އަތުން މޮޅެއް ލިބުނު ނަމަވެސް ޕޮއިންޓް އެއްވަރުވެ، ހެޑް ޓު ހެޑުން ބަލިވެ، މެކްސިކޯ ވަނީ ކަޓައިފަ އެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ހަވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ވޯލްޑް ކަޕަށް މެކްސިކޯ އިން ތައްޔާރުވަމުން އަންނައިރު، އެ ޓީމުން އަންނަނީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެ، ވޯލްޑް ކަަޕަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. އުތުރު އެމެރިކާގެ ފުޓްބޯޅަ މުބާރާތްތަކަށް ބަލާއިރު، 15 ތަށި ހޯދާފައިވާ މެކްސިކޯ އިން މި ފަހަރު އަމިއްލަ ގައުމުގައި ހޯސްޓްކުރާ ވޯލްޑް ކަޕުގައި ޓާގެޓްކުރާނީ މީގެ ކުރިން ހޯދިފައިނުވާ ފަދަ ކާމިޔާބެއް ހާސިލްކުރަން ކަމަށް އަގީރޭ ވަނީ ބުނެފަ އެވެ.

ދައުވަތު ލިބިގެން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި 11 ފަހަރު ކުޅުނު މެކްސިކޯ އިން ވަނީ ދެ ފަހަރު އެ މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މެކްސިކޯ ހިމެނޭ ގްރޫޕްގައި ދެން އޮތް ގައުމުތަކަށް ބަލާއިރު، ދެކުނު އެފްރިކާ އާއި ދެކުނު ކޮރެއާ އަދި ޗެކް ރިޕަބްލިކް އަކީ މެކްސިކޯ އަށް ބަލިކުރެވޭނެ ޓީމުތަކެއް ކަމަށް ގިނަ ބަޔަކު އެއްބަސްވި ނަމަވެސް، އެ ޓީމުގެ ކޯޗު އަގީރޭ ދެކޭ ގޮުތުގައި، ފުޓްބޯޅަ ކުރިއަރާފައި އޮތް ނިސްބަތަށް ބަލާއިރު، އިންޓަނޭޝަނަލް ފުޓްބޯޅައިގައި ވަކި ފަސޭހަ މެޗެއް އޮންނާނެ ކަމަށް ދެކުމަކީ ހެދޭނެ ގޯހެކެވެ.

މެކްސިކޯގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16