ޖޯޑަން އަކީ އޭޝިއާގެ ފުޓްބޯޅައިގައި މި ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމެވެ. އޭގެ ހެއްކަކީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމެވެ.
އޭޝިއަން ކަޕް 2023 ގައި އޭޝިއާގެ ބޮޑެތި ބާރުތައް ފަހަތަށް ޖައްސާލުމަށްފަހު، ޖޯޑަން ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެެވެ. އެ މުބާރާތުގެ ފައިނަލްގައި ގަތަރު އަތުން ބަލިވި ނަމަވެސް، ޖޯޑަން އިން ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާ އަކީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމަށް ކާމިޔާބު ލިބުމެވެ.
ޖޯޑަންގެ ފުޓްބޯޅަ ރަނގަޅުކުރުމަށް ކުރި މަސައްކަތުން މިހާރު އޮތް ޓީމަކީ މިހާތަނަށް އެ ގައުމުން އެކުލަވާލި އެންމެ ވަރުގަދަ ޓީމެވެ.
ޖޯޑަން އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ކޮލިފައިންގައި ވާދަކުރީ 1986 ވަނަ އަހަރުގެ މުބާރާތަށް އޮތް ކޮލިފައިންގެ ބުރުގަ އެވެ. އޭގެ ފަހުން ކޮންމެ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމުން ވާދަކުރި އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން، ވޯލްޑް ކަޕްގެ ޖާގައެއް އެ ޓީމަށް ނުލިބެ އެވެ.
ފީފާގެ މެމްބަރަކަށް ނުވާތީ، 1930 އިން 1954 އަށް ޖޯޑަން އަށް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބުނެވެ. ފީފާގެ މެމްބަރުކަން 1956 ވަނަ އަހަރު ލިބުނު ނަމަވެސް، 1986 ގެ ވޯލްޑް ކަޕްގެ ކޮލިފައިންގެ ކުރިން، އެ ގައުމުން ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ބައިވެރިއެއްނުވެ އެވެ.
އޭޝިއާގެ ވޯލްޑް ކަޕްގެ ކޮލިފައިންގެ ދެވަނަ ބުރުގައި ޖޯޑަން ހިމެނުނީ ސައުދީ އަރަބިއްޔާއާ އެއް ގުރޫޕެއްގަ އެވެ. އެކަމަކު، ވަރުގަދަ ސައުދީ އަރަބިއްޔާ ފަހަތަށް ޖައްސާލައި، މި ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޖޯޑަން ކޮލިފައިންގެ ތިން ވަނަ ބުރަށް ދަތުރުކުރި އެވެ. ތިން ވަނަ ބުރުގައި ޖޯޑަން ލައްވާލީ ގުރޫޕް ބީގަ އެވެ. ދެކުނު ކޮރެއާ އާއި އިރާގްވެސް ހިމެނުނު ވާދަވެރި މި ގުރޫޕުން ޖޯޑަން ވޯލްޑް ކަޕަށް ކޮލިފައިވީ ދެ ވަނަ މަގާމު ކަށަވަރުކޮށްގެނެވެ. ޖޯޑަން 16 ޕޮއިންޓާ އެކު ދެ ވަނަ ކަށަވަރުކުރިއިރު، ތިން ވަނައިގައި އޮތް އިރާގް ނިންމާލީ 15 ޕޮއިންޓާއެކު އެވެ.
ޖޯޑަންގެ ތަރި އަކީ އެ ޓީމުގެ ކެޕްޓަން ފޯވަޑް މޫސާ އަލް ތާމަރީ އެވެ. މިހާރު ފްރާންސްގެ ރެނޭ އަށް ކުޅެމުންދާ އުމުރުން 28 އަހަރުގެ މުސާ އަލް ތަމާރީ އަކީ ހުނަރުވެރި، ކްރިއޭޓިވް ކުޅުންތެރިއެކެވެ. މީގެ ކުރިން ފްރާންސްގެ މޮންޕެލިއޭގެ އިތުރުން ބެލްޖިއަމް އަދި ސައިޕްރަސްގެ ޓީމުތަކަށް އޭނާ ކުޅުނެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ޖޯޑަން ކޮލިފައިވުމުގައި، މޫސާ އަލް ތަމާރީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އަލް ތަމަރީއާ އެކު، ޖޯޑަންގެ އެޓޭކްގައި ޔަޒާން އަލް ނައިމަތާޢި އަލީ އޮލްވާނަކީ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ.