← ހުރިހާ ޓީމެއް
Ivory Coast
CIV

އައިވަރީ ކޯސްޓް

Ivory Coast · GROUP E

މިއީ، އައިވަރީ ކޯސްޓުން ފީފާ ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، އައިވަރީ ކޯސްޓުން ވަނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެއީ، ޖަރުމަނުގައި 2006 ގައި ބޭއްވި ވޯލްޑް ކަޕާއި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން، ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގަ އެވެ.

އޭގެ ފަހުން، އައިވަރީ ކޯސްޓުން 12 އަހަރަށް ފަހު ކުޅޭ ވޯލްޑް ކަޕަކީ، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕް އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އައިވަރީ ކޯސްޓުން، މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅެފައިވަނީ، އެފްރިކާގެ ކޮލިފައިން ބުރުގެ ގްރޫޕް އެފްގަ އެވެ. އެ ގްރޫޕްގައި އައިވަރީ ކޯސްޓުން ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައިނުވެ އެެވެ. އަށް މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުގެންނެވެ. އައިވަރީ ކޯސްޓު ހިމެނުނު ގްރޫޕްގައި ވަރުގަދަކޮށް އޮތް ގައުމުތަކަށް ބަލާއިރު، ގެބޮން، ގެމްބިއާ އަދި ކެންޏާ ހިމެނެ އެވެ.

އައިވަރީ ކޯސްޓް ގައުމީ ޓީމަށް ކުރިން ކުޅެފައިވާ އެމާސް ފައެ، އައިވަރީ ކޯސްޓުގެ ކޯޗަކަށް ހަމަޖެއްސީ މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު އެވެ.

ކޮލިފިކޭޝަން ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ފައެ މި ވަނީ އައިވަރީ ކޯސްޓް އަލުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިކޮށްދީފަ އެވެ. އެކަމަކު، އައިވަރީ ކޯސްޓަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ، މީގެ

ކުރިން ތިން ފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާތީވެ، މި ފަހަރު އެކަން ތަކުރާރުވިޔަ ނުދިނުމެވެ.

އައިވަރީ ކޯސްޓުން ވާދަކުރަން ޖެހޭ ގައުމުތަކަށް ބަލާއިރު، ޖަރުމަނާއި އެކުއެޑޯ އަކީ އުނދަގޫވާނެ ޗެލެންޖުތަކެއް ކުރިމަތިކުރުވާނެ ގައުމުތަކެކެވެ. އެކަމަކު، އެ ގްރޫޕްގައި ދެން ހިމެނޭ ކިއުރުސާއޯގެ މައްޗަށް އައިވަރީ ކޯސްޓަށް ކުރި ހޯދެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ފައެ ހުރީ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވާނެ ލެވަލެއްގައި ޓީމުގެ ތައްޔާރީތައް ކުރިއަށްގެންދަން ރާވައިގެންނެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އައިވަރީ ކޯސްޓުން ކުޅުނު މެޗުތަކުގައި ނިސްބަތުން ބަލާއިރު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ ގޮތުން، ދެކުނު ކޮރެއާ އާއި ސްކޮޓްލެންޑްގެ މައްޗަށް އައިވަރީ ކޯސްޓުން ކުރިހޯދާފައިވަނީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އައިވަރީ ކޯސްޓުގައި އޮތީ، ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ހިމެނޭ ޓީމެކެވެ.

އައިވަރީ ކޯސްޓްގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32