މި ފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާއިރު، އިރާގަށް މި މުބާރާތުގެ ހާއްސަކަން ބޮޑެވެ. އިރާގުން މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގަ އެވެ.
އެހެންކަމުން، އިރާގު، ވޯލްޑް ކަޕްގެ ތާރީހު އޮތީ އުތުރު އެމެރިކާއާ ގުޅިފަ އެވެ. އިރާގަކީ އޭޝިއަން ކަޕް 2007 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ އެހެން ގައުމުތަކާއި އަޅާބަލާއިރު، ވަސީލަތްތަކުގެ ގޮތުން އިރާގު ފަހަތުގައި އޮތް ނަމަވެސް، ފުޓްބޯޅަ އަށް އޮތް ޝައުގުވެރިކަމާއި ފޯރީގެ ސަބަބުން، އެ ގައުމުގައި އޭޝިއާ ބައްރުގައި ފާހަގަކޮށްލެވޭ ޓީމެއް އެބައޮތެވެ.
އިރާގުން މީގެ ކުރިން ވޯލްޑް ކަޕްގައި ކުރި ހަމައެކަނި ތަޖުރިބާއަކީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގައި ވާދަކުރުމެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް އިރާގު ވަނީ ބަލިވެފަ އެވެ. މުޅި މުބާރާތުގައި ވެސް އިރާގަށް ޖެހުނީ އެންމެ ލަނޑެކެވެ. އޭގެ ފަހުން، މި އަހަރުގެ ވޯލްޑް ކަޕާ ހަމައަަށް އިރާގަށް ވޯލްޑް ކަޕަށް ކޮލިފައިވެވޭ ގޮތެއް ނުވި އެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަށް އިރާގުން ކުރީ ދިގު ދަތުރެކެވެ. އޭޝިއާ ކޮލިފައިންގެ ދެ ވަނަ ބުރުގައި އިރާގު ވާދަކުރި ގުރޫޕްގެ އެއް ވަނަ ހޯދައި، ތިން ވަނަ ބުރުގެ ޖާގައެއް ހޯދި އެެވެ. އެކަމަކު، ތިން ވަނަ ބުރުގެ ގުރޫޕް ބީގައި އިރާގަށް ލިބުނީ ތިން ވަނަ އެވެ. އެންމެ ޕޮއިންޓެއްގެ ތަފާތުން ގުރޫޕް ދެ ވަނަ ހޯދައި، ވޯލްޑް ކަޕުން ޑައިރެކްޓް ޖާގައެއް ހޯދީ ޖޯޑަން އެވެ.
އިރާގަށް ޖެހުނީ ހަތަރު ވަނަ ބުރުގައި ވާދަކުރާށެވެ. ހަތަރު ވަނަ ބުރުގެ ގުރޫބް ބީގައި އިރާގާއި ސައުދީ އަރަބިއްޔާ ވެސް ނިންމާލީ ހަތަރު ޕޮއިންޓާއެކު އެވެ. އެކަމަކު، ޖެހި ގޯލުގެ ތަފާތުން ގުރޫޕް އެއް ވަނަ ހޯދައި ވޯލްޑް ކަޕްގެ ޖާގަ ހޯދީ ސައުދީ އަރަބިއްޔާ އެވެ.
އީރާގަށް ދެން ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޮތް ފުރުސަތަކީ އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފް އިން ޖާގައެއް ހޯދުމެވެ. އިރާގުން މި ޖާގަ ހޯދީ ޕްލޭ އޮފްގައި ޔުއޭއީ ބަލިކުރުމަށްފަހު އެވެ. އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފްގައި އިރާގް ނުކުތީ ދެކުނު އެމެރިކާގެ ބޮލީވިއާއާ ދެކޮޅަށެވެ. މެކްސިކޯގައި ކުޅުނު މެޗުން 2-1 އިން މޮޅުވެ، އިރާގް ވަނީ ދިގު އިންތިޒާރަކަށްފަހު ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިފަ އެވެ.
އިރާގުން ވޯލްޑް ކަޕް ކޮލިފައިވުމަށް 28 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 21 މެޗު ވަނީ ކުޅެފަ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕްގެ މުބާރާތަކަށް ކޮލިފައިވުމަށް ޓީމަކުން ހޭދަކުރި އެންމެ ދިގު ކެމްޕޭނެވެ.
އިރާގުގެ ޓީމުގައި ޔޫރަޕްގެ ބޮޑު ލީގެއްގައި ކުޅޭ ކުޅުންތެރިއެއް ނެތް ނަމަވެސް، އެ ޓީމު އެކުލެވިގެންވަނީ އޭޝިއާ ބައްރުގައި ފާހަގަކޮށްލެވޭ ގިނަ ކުުޅުންތެރިންތަކަކާއެކު އެވެ. ޓީމުގެ ފޯވަޑް ލައިންގައި ހިމެނޭ އައިމަން ހުސެއިން ގައުމީ ޓީމުގައި ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މި ވަގުތު އިރާގު ލީގުގައި ކުޅެމުންދާ އައިމަން ވަނީ ގައުމީ ޓީމަށް ކުޅުނު 93 މެޗުގައި 33 ލަނޑު ޖަހައިފަ އެވެ.
މީގެ އިތުރުން މޮހާނަންދު އަލީ އާޢި އަލީ އަލް ހަމާދީ އާއި އަލީ ޖާސިމް އާއި އަމީރް އަލް އަމާރީ އަދި ޒިދާން އިގްބާލަކީ އިރާގްގެ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.