ހައިޓީން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1974 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ދެ ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވެފައި މި ވަނީ ބައިގަރުނަށް ވުރެން ދިގު މުއްދަތެއް ފަހުންނެވެ.
އެ ގޮތުން، 52 އަހަރު ފަހުން ހައިޓީން ވޯލްޑް ކަޕެއްގައި ވާދަކުރަން ތައްޔާރުވާއިރު، އެ ޓީމުން މުބާރާތަށް ކޮލިފައިވެފައިވަނީ، އުތުރު އެެމެރިކާގެ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ހައިޓީން ކުޅެން ޖެހުނީ ކުރިން ވޯލްޑް ކަޕްގައި ކުޅެފައިވާ ދެ ގައުމު ކަމަށްވާ ހޮންޑިއުރަސް އާއި ކޮސްޓަ ރިކާގެ އިތުރުން ނިކަރަގުއާއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ހައިޓީން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވިއިރު، ބަލިވީ އެއް މެޗުންނެވެ. ހައިޓީ ބަލިވީ ހޮންޑިއުރަސް ދަނޑުގައި ކުޅުނު މެޗުންނެވެ.
އުތުރު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ކޮންކަކަޕް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން، 1974 ވަނަ އަހަރު ހޯދި ހައިޓީއާ މި ވަގުތު ހަވާލުވެ ހުރި ކޯޗު، ފްރާންސްގެ ސެބަސްޓިއަން މީންޏާ އަކީ މީގެ ކުރިން ކޮންގޯ އާއި ކެންޏާ އަދި އެކުއޭޓްރަލް ގިނީގެ ކޯޗުކަމުގެ އިތުރުން، ކެމަރޫންގެ އެސިސްޓަންްޓް ކޯޗުކަން ވެސް ކޮށްފައިވާ ފަރާތެކެވެ. މީންޏާ އަށް ހައިޓީ ގޮވައިގެން ނަތީޖާ ނެރުމަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހަ އަކީ، ހައިޓީ ސްކޮޑުގައި ހިމެނޭ 90 ޕަސެންޓް ކުޅުންތެރިންނަކީ، ޔޫރަޕާއި އޭޝިއާގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ކަމަށް ވުމެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ހައިޓީ ހިމެނޭ ގްރޫޕްގައި އޮތް ޓީމުތަކަށް ބަލާއިރު، ރޭންކިންގެ ގޮތުން އެންމެ ދަށް ޓީމަކީ ހައިޓީ އެވެ. އެ ގްރޫޕްގައި ބްރެޒިލާއި މޮރޮކޯ އަދި ސްކޮޓްލެންޑާ ދެކޮޅަށް ކުޅެގެން ގްރޫޕް ސްޓޭޖު ފަަހަނައަޅައި ދިއުން ހައިޓީ އަށް ބޮޑު ޗެެލެންޖަަކަށްވާނެއިރު، އެކަން ހާސިލުކުރެވިއްޖެނަމަ އެ ވެގެންދާނީ ހައިޓީގެ ފުޓްބޯޅަ ތާރީހުގައި ލިޔެވޭނެ ހާއްސަ ކާމިޔާބަކަށެވެ.
ހައިޓީން މި ކާމިޔާބީ ހޯދަން އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިންނަކީ އެ ޓީމުގެ ކުރިއަށް ކުޅޭ، އެމެރިކާ ލީގު، އެމްއެލްއެސްގެ ޓޮރޮންޓޯ އެފްސީގެ ޑެރިކް އެޓިއެން ޖޫނިއާ އާއި ސަންޑަލެންޑަށް ކުޅޭ ވިލްސަން އިސީޑޯ އަށެވެ.