ގާނާ އަކީ އެފްރިކާ ފުޓްބޯޅައިގައި ވަރުގަދަ ގައުމެކެވެ. ގާނާ ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް، ގާނާ ފީފާ ވޯލްޑް ކަޕެއްގައި އެންމެ ފުރަތަމަ ވާދަކުރީ 2006 ވަނަ އަހަރެވެ. މި ފަަހަރުގެ ވޯލްޑް ކަޕަކީ ގާނާ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ފަހަރެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ހުނަރުވެރި ކުޅުންތެރިން ހިމެނޭ ސްކޮޑަކާ އެކު، މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާ ފެންނަނީ ރަނގަޅު ޓީމެއްގެ ގޮތުގަ އެވެ.
ގާނާގެ ފުރަތަމަ ވޯލްޑް ކަޕަކީ 2006 ވަނަ އަހަރު ޖަރުމަންގައި އޮތް މުބާރާތެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ގާނާ ގަދަ 16 ގެ ބުރަށް ދަތުރުކުރި ނަމަވެސް، ގަދަ 16ގެ ބުރުގައި ބްރެޒިލް އަތުން ބަލިވެ ގާނާ ވަނީ ކަޓައިފަ އެވެ.
ވޯލްޑް ކަޕްގައި ގާނާގެ އެންމެ ތާރީހީ މުބާރާތަކީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕެވެ. މުބާރާތުގެ "ސަޕްރައިޒް" ޓީމެއްގެ ގޮތުގައި ގާނާ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ނަމަވެސް، ހިތްދަތި ގޮތަކަށް ކުއާޓާ ފައިނަލް އުރުގުއޭ އަތުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަަހަރު އޮތް ވޯލްްޑް ކަޕާއި 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕުން ގާނާ ކެޓީ ގުރޫޕް ސްޓޭޖުންނެވެ.
ވޯލްޑް ކަޕަށް ގާނާ ކޮލިފައިވީ އެފްރިކާގެ ކޮލިފައިންގައި އެ ޓީމު ވާދަކުރި ގުރޫޕްގެ އެއް ވަނަ މަގާމު ހޯދައިގެނެވެ. މަޑަގަސްކާ އަދި މާލީ މި ގުރޫޕްގެ އެއް ވަނަ ހޯދަން ގާނާއާ ވާޑަކުރި ނަމަވެސް، ގާނާ އެއް ވަނަ ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން 8 މޮޅުވެ، އެއް މެޗު އެއްވަރުކޮށްގެން ލިބުނު 25 ޕޮއިންޓާއެކު އެވެ. ކޮލިފައިންގައި ގާނާ 23 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ ހަ ލަނޑެވެ.
ގާނާގެ ކެޕްޓަން ޖޯޑަން އަޔޫ އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއެކެވެ. އިންގްލެންޑް ލެސްޓާ ސިޓީ އަށް ކުޅެމުންދާ ޖޯޑަން ،34، ވަނީ ކޮލިފައިންގައި ހަތް ލަނޑު ޖަހައިފަ އެވެ.
ޖޯޑަންއާއެކު ގާނާގެ ފޯވަޑްލައިންގައި ރަނގަޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. މެންޗެސްޓާ ސިޓީގެ އެންޓޮއިން ސެމެންޔޯ އާއި އެތުލެޓިކް ބިލްބާއޯ އިނާކީ ވިލިއަމްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ މުހައްމަދު ކުޑޫސް އަކީ ގާނާގެ އެޓޭކްގައި މުހިންމު ކުޅުންތެރިންނެވެ. މީގެ އިތުރުން ގާނާ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވިޔަރެއާލްގެ ތޯމަސް ޕާޓޭ އާއި ނީސްގެ ސާލިސް އަބްދުލް ސަމެދާއި ކަލިއަރީގެ އިބްރާހިމް ސުލެމާނާ ހިމެނެ އެވެ.