ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިހާތަނަށް ބޭއްވި އަހަރުތަކަށް ބަލާއިރު، ޖަރުމަނު ނުލައި މުބާރާތް ކުރިއަށްދިޔައީ ދެ ފަހަރެވެ. އެއީ، އެންމެ ފުރަތަމަ 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ އިތުރުން، 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަަހަރު ހޯދައި، ހަތަރު ފަހަރު ފައިނަލުގައި ކުޅެ، ހަތަރު ފަހަރު ތިން ވަނަ ހޯދި ޖަރުމަނަށް އެންމެ ފަހުން ދެ ވޯލްޑް ކަޕް ވެސް ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. ރަޝިއާގައި 2018 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ޖަރުމަނުގެ އެންމެ ދަށް އަށް އަހަރުތަކެވެ. އެހެންކަމުން ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ އެކަން ބަދަލުކުރުމުގެ ހާއްސަ އަމާޒަކާ އެކު އެވެ.
ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިން ބުރުގެ ގްރޫޕް އޭގެ އެއް ވަނަ ހޯދައިގެންނެވެ. ސްލޮވާކިއާ، ނޮދަން އަޔަލެންޑް އަދި ލަގްޒެމްބޯގާ އެއް ގްރޫޕެއްގައި ހިމެނުނު ޖަރުމަނުން ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ. ބަލިވީ ކޮލިފައިން އެންމެ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުންނެވެ.
ވޯލްޑް ކަޕާ ކުރިމަތިލާއިރު، އާ ވިސްނުންތަކަކާއި އާ ފިލޯސަފީއެއްގެ ދަށުން ޖަރުމަނުގެ ކޯޗު ނާގަލްސްމަން އަންނަނީ އެ ޓީމު ލައްވައި ކުޅުވަން މަސައްކަތްކުރަމުންނެވެ.
ޖަރުމަނުން ފުޓްބޯޅަ ކުޅޭ ވައްޓަފާޅި އަށް ޒަމާނީ ބަދަލުތަކެއް ގެންނަން ނާގަލްސްމަން ކުރާ ކަންކަމަށް ޖަރުމަނުގެ ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ އިތުރުން ކޯޗުން ވެސް އެންމެ ފުރަތަމަ ވަނީ ފާޑުކިޔައިފަ އެވެ. އެކަމަކު، ފަހަކަށް އައިސް ޖަރުމަނުގެ ނަތީޖާތައް ރަނގަޅުވަމުން އަންނާތީވެ، ސަޕޯޓަރުންގެ މެދުގައި ޓީމާ މެދު ވަނީ އިތުބާރު ބޮޑުވެފަ އެވެ.
ނިސްބަތުން ބަލާއިރު މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނޭ ގްރޫޕަކީ ވެސް ފަސޭހަ ގްރޫޕެއް ކަމަށް ނުބެލެވެ އެވެ. އެފްރިކާގެ ގަދަބާރު، އައިވަރީ ކޯސްޓާއި ދެކުނު އެމެރިކާގެ ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު އެކުއެޑޯގެ އިތުރުން ޖަރުމަނާ އެއް ގްރޫޕެއްގައި އޮތީ ފީފާ ވޯލްޑް ކަޕެއްގެ ޖާގަ މިހާތަނަށް ހޯދި އެންމެ އާބާދީގެ ނިސްބަތުން ކުޑަ ގައުމުގެ ޝަރަފް، ކިއުރުސާއޯ އެވެ.
މި ގްރޫޕުން އެންމެ އާދައިގެ ގޮތަކަށް ކިއުރުސާއޯ އޮތްއިރު، ދެން، އޮތް ދެ ޓީމު ކަމަށްވާ އެކުއެޑޯ އާއި އައިވަރީ ކޯސްޓަކީ ޖަރުމަނަށް ޗެލެންޖެއް ދެވޭނެ ލެވަލްގެ ދެ ޓީމެވެ. އެހެންކަމުން، ޖަރުމަނަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އުނދަގޫ ފެށުމަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. ނާގަލްސްމަން ވިސްނަނީ ޖަރުމަނުން ފުރަތަމަ މެޗުން ފެށިގެން ބުރަކޮށް މަސައްކަތްކޮށް ނަތީޖާ ނެރެ، ކުރީގެ ލެވަލަށް ދިއުމަށް މަސައްކަތް ފެށުމަަށެވެ.