ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ފްރާންސަކީ މި ފަހަރު ވެސް ވޯލްޑް ކަޕްގެ ފޭވަރިޓެކެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ރަނަރަޕް ހޯދި ފްރާންސްގެ އުންމީދަކަށް ވާނީ ވޯލްޑް ކަޕްގެ ތަށި ތިން ވަނަ ފަހަރަށް އުފުލާލުމެވެ.
ފްރާންސްގެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ފްރާންސަކީ ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެކެވެ.
ވޯލްޑް ކަޕްގެ ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރުން، ފްރާންސް ވަނީ ޔޫރޯ ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި މީގެ އިތުރުން ފީފާ ކޮންފެޑަރޭޝަންސް ކަޕް ދެ ފަހަރު އަދި ޔުއޭފާ ނޭޝަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ފްރާންސް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި މުއްސަނދި ތާރީހެއް އޮތް ގައުމެކެވެ. ފްރާންސަކީ 1930 ވަނަ އަހަރު އުރުުގުއޭގައި އޮތް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ބައިވެރިވި ގައުމެކެވެ. ފްރާންސް ވަނީ 1958 ވަނަ އަހަރު ސްވިޑެންގައި އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ. މި މުބާރާތުގައި ފްރާންސްގެ ފޯވަޑް ޔުސްޓް ފޮންޓެއިން ވަނީ 13 ލަނޑު ޖަހައިފަ އެވެ. މިއީ، ވޯލްޑް ކަޕްގެ އެއް މުބާރާތުގައި މިހާތަނަށް ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑެވެ.
އޭގެ ފަހުން، ފްރާންސް އިން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. ވޯލްޑް ކަޕްގެ ތައްޓަށް ފްރާންސް އިން ކުރަމުންދިޔަ އުންމީދު ނިމުމަކަށް އައީ 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕް ކާމިޔާބުކޮށްގެނެވެ. ފައިނަލްގައި ބްރެޒިލް ބަލިކޮށް، ފްރާންސް ހޯދީ ބޮޑު ކާމިޔާބެކެވެ.
ފްރާންސަށް ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ އޭގެ 20 އަހަރު ފަހުން، ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކުރި ނަމަވެސް، ފައިނަލްގައި އާޖެންޓީނާ އަތުން ވަނީ ބަލިވެފަ އެވެ.
ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގައި އެ ޓީމު ވާދަކުރި ގުރޫޕް ޑީގެ އެއް ވަނަ އެ ޓީމުގެ ގޮތުގަ އެވެ. ފްރާންސް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ފްރާންސް ކޮލިފައިންގައި މެޗަކުން ބަލިނުވެ އެވެ. ކޮލިފައިންގައި ފްރާންސް ހިފަހައްޓާލެވުނީ އައިސްލޭންޑްގެ ޓީމަށެވެ. އަމިއްލަ ދަނޑުގައި އައިސްލޭންޑް އިން ވަނީ ފްރާންސްއާ 2-2 އިން އެއްވަރުކޮށްފަ އެވެ.
ކޮލިފައިންގައި ފްރާންސްއިން ވަނީ ކުޅުނު ހަ މެޗުން 16 ލަނޑު ޖަހައިފަ އެވެ. ފްރާންސް ކޮޅަށް ވަނީ ހަތަރު ލަނޑެވެ.
ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ އަކީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައިވެސް ވިދާލި ތަރިއެކެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ޓިމުގެ ލީޑު ކުރާނެ ކަމަށް ބެލެވެނީ އެމްބާޕޭ އެވެ. އެމްބާޕޭ އަކީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ލަނޑު ޖަހާފައިވާ ދެ ކުޅުންތެރިން ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
އެމްބާޕޭއާ އެކު ފްރާންސްގެ އެޓޭކްގައި އޮސްމާން ޑެމްބޭލޭ މުހިންމު ރޯލެއް އަދާކުރާނެ އެވެ. ފާއިތުވި އަހަރުތަކުގައި ރަނގަޅު ފޯމެއްގައި ހުރި ޑެމްބެލޭ އަކީ 2025 ވަނަ އަހަރުގެ ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާ އެވެ. އަދި، މި ސީޒަންގައި ވެސް އޭނާ ދައްކަމުންދާ ފޯމާ ގުޅިގެން ވޯލްޑް ކަޕްގައި ވެސް އޭނާގެ ފަރާތުން މޮޅު ކުލުމެއް ފެންނާނެ ކަމަށް އުންމީދު ކުރެވެ އެވެ.
މީގެ އިތުރުން ޕީއެސްޖީގެ ޑެސިއޭ ޑޫއޭ، ބަޔާން މިއުނިކްގެ މައިކަލް އޮލީސޭ އާއި މެންޗެސްޓާ ސިޓީގެ ރަޔަން ޝެރްކީއާއެކު، ފްރާންސްގައި އޮތީ ވަރުގަދަ ފޯވަޑްލައިނެކެވެ. ފްރާންސްގެ ޓީމުގައި ތަޖުރިބާކާރު ކުލުންތެރިންތަކެއް ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެންގޯލޯ ކާންޓޭ އަދި އެޑްރިއެން ރަބިއޯ ހިމެނެ އެވެ.