← ހުރިހާ ޓީމެއް
England
ENG

އިންގްލެންޑް

England · GROUP L

މި އަހަރުގެ ވޯލްޑް ކަޕަކީ އިންގްލެންޑް މުބާރާތުގައި ވާދަކުރާ 17 ވަނަ ފަހަރެވެ. އަދި ވޯލްޑް ކަޕްގައި ޖެހިޖެހިގެން އިންގްލެންޑް ވާދަކުރާ 8 ވަނަ ފަހަރެވެ. އިންގްލެންޑަކީ ޒަމާނީ ފުޓްބޯޅައިގައި އެންމެ ކުރީގައި އޮތް އެއް ގައުމެވެ. އިނގިރޭސި ޕްރިމިއާ ލީގު ކުރިއަރައިގެން ގޮސް، ކްލަބު ފުޓްބޯޅައިގައި އިންގްލެންޑް ކްލަބުތަކުން ބޮޑެެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް، އިންގްލެންޑްގެ ގައުމީ ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބު ނުކުރެވޭތާ ބައި ގަރުނަށް ދިގު މުއްދަތެއް ހޭދަވެއްޖެ އެވެ.

އިންގްލެންޑަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. އެއަށް ފަހު، ބައިނަލްއަގުވާމީ ތަށްޓެއް ހޯދުމަށް ގިނަ މަސައްކަތެއް ކުރި ނަމަވެސް، ކާމިޔާބާ ހަމައަށް އަދި ވާސިލެއްނުވެ އެވެ. މި ފަހަރު ވެސް އިންގްލެންޑް ވޯލްޑް ކަޕަށް ނުކުންނާނީ ފޭވަރިޓެއްގެ ގޮތުގަ އެެވެ. ޖަރުމަންގެ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން މި އަހަރު އިންގްލެންޑް ކާމިޔާބަށް ކުރާ އުންމީދު ބޮޑެވެ.

އިންގްލެންޑް އެންމެ ފުރަތަމަ ވާދަކުރި ވޯލްޑް ކަޕަކީ 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތެވެ. އެ މުބާރާތުން އިންގްލެންޑް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން 1954 އަދި 1962ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އިންގްލެންޑް ދަތުރުކުރި އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ލިބުނީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގަ އެވެ. އިންގްލެންޑްގެ ލެޖެންޑުން ކަމަށްވާ ބޮބީ ޗާލްޓަން އާއި ޖެފް ހާސްޓް އާއި ބޮބީ މުއާ އަދި ގޯޑަން ބޭންކްސް ހިމެނޭ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ހުޅަނގު ޖަރުމަން ބަލިކުރުމަށްފަހު އެވެ. އެކަމަކު އެ ކާމިޔާބަށްފަހު، އިންގްލެންޑަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1990 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދުމެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.

އިންގްލެންޑަކީ މި އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރި ޔޫރަޕްގެ ފުރަތަމަ ގައުމެވެ. ސާބިއާ އާއި އަލްބޭނިއާ އާއި ލެޓްވިއާ އަދި އެންޑޯރާ ހިމެނުނު ޔޫރަޕްގެ ކޮލިފައިންގެ ގުރޫޕް ކޭގެ އެއް ވަނަ އިންގްލެންޑް ހޯދީ ފަސޭހަކަމާއެކު އެވެ. މި ގުރޫޕްގައި އިންގްލެންޑް ކުޅުނު 8 މެޗުންވެސް ވަނީ މޮޅުވެފަ އެވެ. އިންގްލެންޑުން އިން ކޮލިފައިންގައި 22 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް އެންމެ ލަނޑެއްވެސް ނުވަދެ އެވެ.

އިންގްލެންޑް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޭން ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެ، 78 ގޯލު ޖަހައިފަ އެެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް 2015 ވަނަ އަހަރު ކުޅެންފެށި ކޭން، 32، ވަނީ ފާއިތުވި ދެ ވޯލްޑް ކަޕްގައި އިންގްލެންޑްގެ ކެޕްޓަންގެ ގޮތުގައި ކުޅެފަ އެވެ. މީގެ ތެރެއިން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ހަތަރު ވަނަ ހޯދިއިރު، އެ މުބަރާތުގެ ރަންބޫޓު ހޯދީ ކޭން އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، ކޭން ހުރީ ރަނގަޅު ފޯމެއްގަ އެވެ. އިންގްލެންޑާ އިދިކޮޅަށް ނުކުންނަ ޓީމުތަކުން އެންމެ ބޮޑަށް ސަމާލުވާނެ ކުޅުންތެރިޔަކީ ކޭން އެވެ.

ފާއިތުވި ސީޒަންގައި އަނިޔާގެ މައްސަލަތަކެއް ދިމާވި ނަމަވެސް، ޖޫޑް ބެލިންހަމް އަކީ އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލްގެ ޕްލޭންތަކުގައި މުހިންމު ކުޅުންތެރިއެކެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައިވެސް އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުނު ބެލިންހަމް ،22، ވޯލްޑް ކަޕަށް މުޅިން ފިޓުވާނެ ކަމަށް ބެލެވެ އެވެ.

އިންގްލެންޑްގެ ޓީމުގައި މުހިންމު ރޯލެއް އަދާކުރުމަށް ދެން ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑާއި މިޑްފީލްޑަރު ޑެކްލަން ރައިސް އާއި ފޯވަޑް ކޯލް ޕާމާ އާއި ބުކާޔޯ ސަކާ ހިމެނެ އެވެ.

އިންގްލެންޑްގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16

ކުއާޓާ ފައިނަލް

ސެމީ ފައިނަލް

ތިންވަނަ ހޮވުމުގެ މެޗު