← ހުރިހާ ޓީމެއް
Egypt
EGY

މިޞްރު

Egypt · GROUP G

މިސްރަކީ އެފްރިކާގެ އެންމެ ދުވަސްވީ ގައުމީ ފުޓްބޯޅަ ޓީމެވެ. އަދި އެފްރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ގައުމެކެވެ. އެފްރިކާގެ ފުޓްބޯޅައިގައި ގަދަ ބާރެކެވެ. ވޯލްޑް ކަޕެއްގައި އެންމެ ފުރަތަމަ އެފްރިކާ ބައްރުން ބައިވެރިވި ގައުމަކީ މިސްރެވެ. އެއީ 1934 ވަނަ އަހަރު އިޓަލީގައި އޮތް މުބާރާތެވެ.

އުރުގުއޭގައި 1930 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު މިސްރަށް ލިބުނެވެ. އެހެން ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ ޓީމަށް މުބާރާތަށް ދަތުރުކުރެވޭ ގޮތްނުވި އެވެ. އިޓަލީގައި 1934 ވަނަ އަަހަރު އޮތް ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެ، ވޯލްޑް ކަޕްގައި ވާދަކުރި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަފަރު ހޯދި އެވެ.

އެހެން ނަމަވެސް، އޭގެ ފަހުން 1990 ވަނަ އަހަރާ ހަމައަށް މިސްރު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އެވެ. އެ އަހަރު އިޓަލީގައި އޮތް މުބާރާތަށް ކޮލިފައިވެ، ގުރޫޕް ސްޓޭޖުގައި މިސްރު ވާދަކުރި އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމަ އަށް، މިސްރު ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ.

އެފްރިކާ ބައްރުގައި ވަރުގަދަ ޓީމެއްގެ ގޮތުގައި ދެމި އޮތް ނަމަވެސް، ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމަށް ލިބުނީ މަދު ކާމިޔާބެކެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް މިސްރު ވާދަކުރީ ގުރޫޕް ސްޓޭޖުގަ އެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުން މިސްރު ކެޓީ ޕޮއިންޓެއް ނުލިބި އެވެ. ގަތަރު 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް މިސްރު ކޮލިފައިނުވެ އެވެ.

މިސްރު ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ކޮލިފައިން ބުރުގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މިސްރު މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. އެންމެ މެޗަކުންވެސް މިސްރު ބައްޔެއްނުވެ އެވެ. މިސްރު ކޮލިފައިންގައި ކުޅުނު 10 މެޗުގައި ޖުމްލަ 20 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ އެންމެ ދެ ލަނޑެވެ.

މިސްރުގެ ތަރި އަކީ އެ ޓީމުގެ ކެޕްޓަން މުޙައްމަދު ސަލާހު އެވެ. މިސްރުގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ސަލާހް ވަނީ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، 60 އަށް ވުރެ ގިނަ ލަނޑު ޖަހައިފަ އެެވެ. އުމުރުން 33 އަހަރުގެ ސަލާހްގެ އަމާޒަކަށް ވާނީ ވޯލްޑް ކަޕްގައި މިސްރަށް ރަނގަޅު ކާމިޔާބެއް ހޯދައިދިނުމެވެ. ސަލާހުއާއެކު މިސްރުގެ އެޓޭކްގައި މުހިންމު ރޯލެއް އަދާކުރާނީ މެންޗެސްޓާ ސިޓީގެ ފޯވަޑް އޮމަރް މާމޫޝް އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާމޫޝް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިސްރުގެ ތަޖުރިބާކާރު ފޯވަޑް ޓްރެޒޭއަކީވެސް އެ ޓީމުގެ އެޓޭކްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމުގައި ޓްރެޒޭ ވަނީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ.

މިޞްރުގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16