މިއީ، މިހާތަނަށް އެކުއެޑޯ އިން އެންމެ ރަނގަޅަށް ކޮލިފައިން ބުރެއް ނިންމާލައިގެން ފީފާ ވޯލްޑް ކަޕަކަށް ކުރިމަތިލާނެ ފަހަރެވެ. އެ ގޮތުން، ޖުމްލަ 10 ޓީމު ވާދަކުރާ، ފޯރިގަދަ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި، އެކުއެޑޯ އިން ވަނީ އާޖެންޓީނާ ފަހަތުން ދެ ވަނަ ހޯދައިފަ އެވެ.
ކޮލިފައިންގައި އެކުއެޑޯ އިން ކުޅުނު 18 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، އަށް މެޗުން ވަނީ އެއްވަރުވެފައެވެ ބަލިވީ ދެ މެޗުންނެވެ. އެއީ، އާޖެންޓީނާ ދަނޑުގައި 1-0 އިން އާއި ބްރެޒިލް ދަނޑުގައި 1-0 އިންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ މެދުތެރެއިން އިކުއެޑޯގެ ކޯޗުކަމާ ހަވާލުވި، އާޖެންޓީނާގެ ކޯޗު ސަބެސްޓިއަން ބެކަސެސޭގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ކުޅުމުގެ ސްޓައިލް ވަރަށް ބޮޑަށް ބަދަލުކޮަށްފަ އެވެ. މީގެ ކުރިން އެކުއެޑޯ އިން ގެންގުޅުނު ފިޒިކަލް ސްޓައިލުގެ ފުޓްބޯޅަ އަށް ބަދަލުތަކެއް ގެނެސް ޒަމާނީ މޮޑަލްގެ ޕާސިން ގޭމަށް އެކުއެޑޯ ހާނުވައި، އެ ޓީމު ފެނުނީ ބެކަސެސޭގެ ކޯޗުކަމުގައި ތަފާތު ގޭމެއް ކުޅޭ ގައުމެއްގެ ގޮތުގަ އެވެ.
މިއީ، އެކުއެޑޯ އިން ފީފާ ވޯލްޑް ކަޕްގައި ކުޅޭ ފަސް ވަނަ ފަހަރެވެ. އެކުއެޑޯ އިން ވޯލްޑް ކަޕެއްގައި ކުޅުމަށްޓަކައި ދެކެމުން އައި ހުވަފެން ހަގީގަތަކަށްވީ، އެކާވީސްވަނަ ގަރުނުގަ އެވެ.
އެކުއެޑޯ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުން ކެޓިއިރު، އޭގެ ފަހުން، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވެ، އެ މުބާާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، ގަދަ 16 ބުރުގައި އެކުއެޑޯ ވަނީ ވާދަކޮށްފަ އެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކަޕާއި މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި، އެކުއެޑޯ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ޗެލްސީގެ ތަރި، މޮއިސަސް ކައެސޭޑޯ ފަދަ ހުނަރުވެރި ތަރިން ހިމެނޭ އެކުއެޑޯ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ، އެންމެ ފަހުން ދެ ފަހަރުގެ މުބާރާތުން އިބުރަތް ހާސިލްކޮށް، ގްރޫޕް ސްޓޭޖު ފަނައަޅައި ދިއުމުގެ އަމާޒުގަ އެވެ.
އެކުއެޑޯ އިން ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިޔަނުދޭން، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި އައިވަރީ ކޯސްޓް އަދި ކިއުރުސާއޯ ކައިރިން ރަނގަޅު ނަތީޖާތަކެއް ނެރެންޖެހޭނެ އެވެ. އެކުއެޑޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެވިދާނެ ޓީމެއް ކަމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެއީ، ކޮލިފައިންގައި އެ ޓީމުން ދެއްކި ކުޅުމާއި ނެރެފައިވާ ނަތީޖާތަކަށް ބުރަވެ އެވެ. އެކަމަކު، އެ ޓީމުގެ ކޯޗު، ބެކަސެސޭ ހުރީ ނުރަނގަޅު ޕްރެޝަރެއް ޓީމަށް އަތުވެދާނެތީވެ، އެ ފަދަ ވާހަކައެއް މާ ކުރިން ނުދައްކަން ނިންމައިގެންނެވެ.