← ހުރިހާ ޓީމެއް
DR Congo
COD

ޑީއާރު ކޮންގޯ

DR Congo · GROUP K

މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ޑީއާރް ކޮންގޯ ބައި ގަރުނަށް ވުރެ ދިގު މުއްދަތަކަށް ކުރަމުންދިޔަ އިންތިޒާރުގެ ނިމުމެވެ. ވޯލްޑް ކަޕްގައި 1974 ވަނަ އަހަރު ވާދަކުރި ފަހުން، ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމަށް ޑީއާރް ކޮންގޯއިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ އުންމީދު ޑީއާރް ކޮންގޯއަށް ހާސިލްވީ 52 އަހަރު ފަހުންނެވެ.

ޑީއާރް ކޮންގޯއަކީ ސެންޓްރަލް އެފްރިކާ އަށް ނިސްބަތްވާ ބޮޑު ގައުމެކެވެ. ކޮންގޯ 1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި (އޭރު ވާދަކުރީ ޒައޭރްގެ ނަމުގައި) ކުޅުނުއިރު، ކޮންގޯ އަކީ ވޯލްޑް ކަޕް މުބާރާތުން ޖާގަ ހޯދި އެފްރިކާގެ ތިން ވަނަ ގައުމެވެ.

އެހެން ނަމަވެސް، ދާހިލީ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، ކޮންގޯގެ ފުޓްބޯޅަ އޮތީ މަޑު ޖެހިފަ އެވެ. ކޮންގޯގެ ފަހަތުން އެފްރިކާގެ ގާނާ އާއި ސެނެގާލް އަދި ޓިއުނީޝިއާ ފަދަ ގައުމުތައް ފުޓްބޯޅައިގައި ކުރިއަރައި، ވޯލްޑް ކަޕްގެ ގިނަ މުބާރާތްތަކުގައި ވަނީ ވާދަކޮށްފަ އެވެ.

މިހާރު ކޮންގޯ އޮތް ޓީމަކީ އެ ގައުމުގައި ތިބި ކުޅުންތެރިންގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިންގެ މައްޗަށް ބިނާކޮށް ހަދާފާއިވާ ޓީމެކެވެ. ވޯލްޑް ކަޕްގެ ޖާގަ ހޯދި ޑީއާރް ކޮންގޯގެ ސްކޮޑްގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން، 10 ކުޅުންތެރިންނަކީ ފްރާންސަށް އުފަން ކުޅުންތެރިންނެވެ. އަދި, ފަސް ކުޅުންތެރިން ބެލްޖިއަމްގައި އުފަންވިއިރު، ސްވިޓްޒަލޭންޑާއި އިންގްލެންޑަށް އުފަން ކުޅުންތެރިންވެސް ހިމެނެ އެވެ.

ޖަރުމަންގައި 1974 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވޯލްޑް ކަޕްގައި ޑީއާރް ކޮންގޯ މިހާތަނަށް ކުރި ހަމައެކަނި ތަޖުރިބާ އެވެ. އޭރު ޒައޭރްގެ ނަމުގައި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރީ ވަރުގަދަ ބްރެޒިލް އާއި ޔޫގޮސްލާވިއާ އެއް ގުރޫޕެއްގަ އެވެ. ކުުޅުނު ތިން މެޗުންވެސް ބަލިވެ، އެ ޓީމުން މުބާރާތް ނިންމާލީ ސުން ޕޮއިންޓާއެކު އެވެ.

ގައުމުގެ ދާހިލީ ހަމަނުޖެހުންތަކާހެދި، 1974 ވަނަ އަހަރުގެ ފަހުން ކޮންގޯގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ

ގޮންޖެހުންތައް ކުރިމަތިވި އެވެ. ވޯލްޑް ކަޕް 1998ގެ ކޮލިފައިން އިން ފެށިގެން، ޑިއާރް ކޮންގޯ އިން ކޮލިފައިންގައި ގަވައިދުން ވާދަކުރެ އެވެ. އެކަމަކު، އެ މަސައްކަތް ކާމިޔާބުކުރެވުނީ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރިތާ ބައި ގަރުނު ފާއިތުވި ފަހުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޑީ.އާރް ކޮންގޯ ކުރީ ދިގު ދަތުރެކެވެ. އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި އެ ޓީމު ހިމެނުނު ސެނެގާލްއާ އެކު ގުރޫޕް ބީގަ އެވެ. މި ގުރޫޕްގެ ޑީއާރް ކޮންގޯ ނިންމާލީ ދެ ވަނައިގަ އެވެ. ދެ ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ކޮންގޯ އަށް ޖެހުނީ ޕްލޭއޮފްގައި ވާދަކުރާށެވެ.

އިންޓަ ކޮންފެޑަރޭޝަންސް ޕްލޭ އޮފްގެ ޖާގަ ލިބޭ ޓީމެއް ކަނޑައެޅުމަށް އެފްރިކާގައި ބޭއްވި ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯ ވަނީ ވަރުގަދަ ކެމަރޫން އަތުން މޮޅުވެފަ އެވެ. އަދި އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފްގެ ޖާގައެއް ހޯދުމަށް، ފަހު ޕްލޭއޮފްގައި އެ ޓީމު ނުކުތީ އެފްރިކާގެ ވަރުގަދަ ބާރެއް ކަމަށްވާ ނައިޖީރިއާއާ ދެކޮޅަށެވެ. މި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް، ޑީއާރް ކޮންގޯ އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފަށް ދަތުރުކުރި އެވެ.

އިންޓަ ކޮންފެޑަރޭޝަންސް ޕްލޭ އޮފްގައި ޑީއާރް ކޮންގޯއާ ކުރިމަތިލީ ކެރީބިއަންގެ ގައުމެއް ކަމަށްވާ ޖެމެއިކާ އެވެ. މެކްސިކޯގައި ކުޅުނު މެޗުގައި 1-0 އިން ޖެމެއިކާގެ މައްޗަށް ޑީއާރް ކޮންގޯ ކުރި ހޯދީ އެކްސްޓްރާ ޓައިމްގައި ޖެހި ލަނޑުންނެވެ.

ޑީއާރް ކޮންގޯގެ ޓީމުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ސްޕެއިންގެ ރެއާލް ބެޓިސް އަށް ކުޅެމުންދާ ޑީއާރް ކޮންގޯގެ ވައިސް ކެޕްޓަން ސެޑްރިކް ބަކަމްބޫ އާއި ނިއުކާސަލް ޔުނައިޓަޑްގެ ޔޮއާން ވިއްސާ އަކީ އެ ޓީމުގެ ފޯވަޑްލައިންގައި ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ. ބަކަމްބޫ އަކީ ކޮންގޯގެ ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

ޑީއާރް ކޮންގޯގެ މިޑްފީލްޑަށް ބަލާއިރު އެސްޕަންޔޯލްގެ ޗާލްސް ޕިކެލް އާއި ސަންޑަލޭންޑްގެ ނޯއާ ސަޑީކީ އާއި ލިލްގެ އެންގަލްއެޔޭލީ މުކާއޫ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. ކޮންގޯގައި ޑިފެންސްގައި މުހިންމު ރޯލެއް އަދާކުރާނީ އެ ޓީމުގެ ކެޕްޓަން ޗަންސެލް އެމްބެމާ އާއި ވެސްޓް ހޭމްގެ އާރޮން ވަން ބިސާކާ އާއި ބާންލީގެ އެކްސެލް ޓުއަންޒޭބޭ އަިދ ލޯންސްގެ އާތާ މަސުއާކޫ އެވެ.

ޑީއާރު ކޮންގޯގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32