← ހުރިހާ ޓީމެއް
Curaçao
CUW

ކުރަސާއޯ

Curaçao · GROUP E

ފީފާ ވޯލްޑް ކަޕެއްގެ ޖާގަ މިހާތަނަށް ހޯދި އެންމެ އާބާދީގެ ނިސްބަތުން ކުޑަ ގައުމުގެ ޝަރަފް ހޯދާފައިވަނީ ކިއުރުސާއޯ އެވެ. އާބާދީގައި އެންމެ 160،000 މީހުން ދިރިއުޅޭ ކިއުރަސާއޯ، ވޯލްޑް ކަޕާ ހަމައަށް ގެނައުމުގައި، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިން ޑިކް އެޑްވޮކާޓް މުހިންމު ދައުރެއް އަދާކުރި އެވެ. އެކަމަކު، އެޑްވޮކާޓް ވަނީ އާއިލީ ކަމެއްގެ ސަބަބުން ދާދި ފަހުން އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.

ކޮލިފައިންގެ އެންމެ ފަހު މެޗުގައި، އެޑްވޮކާޓަށް ކިއުރަސާއޯ އަށް އިރުޝާދުދޭން ބެންޗުގައި އިނދެވޭ ގޮތެއްނުވި އެވެ. އާއިލީ ކަމެއްގެ ސަބަބުން، އުފަން ގައުމު، ނެދަލެންޑްސް އަށް ދާން ޖެހުނު، އެޑްވޮކާޓް، ގޭގައި ހުރެގެން ވެސް ކިއުރަސާއޯ ޓީމަށް އެ މެޗުގައި އިރުޝާދުދިނެވެ. ނެދަލެންޑްސް ގަޑިން ދަންވަރު ދޭއް ޖެހިއިރު، ޖެމެއިކާއާ ދެކޮޅަށް ކިއުރަސާއޯ އިން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، ވަގުތުން ވަގުތަށް ކިއުރުސާއޯގެ ކޯޗިން ޓީމަށް ގުޅައިގެން ހުރެ މެޗު ބަަލަމުން، އެޑްވޮކާޓް ވަނީ އިރުޝާދުދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ކިއުރުސާއޯ ހިމެނުނު ގްރޫޕްގައި ޖެމެއިކާގެ އިތުރުން ދެން ހިމެނުނީ، ކުރިން ވޯލްޑް ކަޕްގައި ކުޅެފައިވާ ޓްރިންޑާޑް އެންޑް ޓޮބޭގޯ އާއި ބާމިއުޑާ އެވެ. ކިއުރުސާއޯ އިން ވޯލްޑް ކަޕްގެ ޖާގަ ހޯދީ ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުކޮށްގެންނެވެ. ކޮލިފައިންގައި މެޗަކުން ބަލިނުވެ، ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވެސް ކިއުރުސާއޯ ލެވަލްގެ ގައުމަކަށް ނިސްބަތުން ބަލާއިރު ބޮޑު ކާމިޔާބެކެވެ.

އެޑްވޮކާޓް، ކިއުރުސާއޯގެ ކޯޗުކަން ދޫކޮށްލުމުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދެން ވެސް ގެނެސްފައިވަނީ ނެދަލެންޑްސްގެ ކޯޗެެެކެވެ. އެއީ، ޖަރުމަނު، ނެދަލެންޑްސް، ބެލްޖިއަމް، ޔޫއޭއީ އަދި އިޒްރޭލްގެ ކްލަބް ފުޓްބޯޅައިގައި މަސައްކަތްކޮށްފައިވާ ކޯޗު، ފްރެޑް ރުޓެން އެވެ. ރުޓެންއާ ކިއުރުސާއޯގެ ކޯޗުކަން ހަވާލުކުރީ އެޑްވޮކާޓްގެ ލަފާގެ މަތިންނެވެ.

އެކަމަކު މަގާމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ، ރުޓެން ވަނީ އަމިއްލަ އަށް އިސްތިއުފާދީފަ އެވެ. އެއާ އެކު ކުރު މުއްދަތެއްގެ ތެރޭގައި އާ ކޯޗަކާ ޓީމު ހަވާލުކޮށްގެން ކުރިއަށްދެވޭނެ ގޮތެއް ނެތުމުން، ކިއުރުސާއޯ އިން ނިންމީ އަލުން އެޑްވޮކާޓާ ޓީމު ހަވާލުކުރުމަށެވެ. އަދި، އެޑްވޮކާޓް ވެސް އެ ގޮތަށް އެއްބަސްވެ، އޭނާ އަންނަނީ އެ ޓީމު ވޯލްޑް ކަޕަށް ތައްޔާރުކުރަމުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވެ، ކިއުރުސާއޯ އަށް ފުރަތަމަ ހަރުފަތް ގިރާކޮށް ތާރީހީ ކަމެއް ވަނީ ހާސިލުކޮށްފަ އެވެ. ވޯލްޑް ކަޕްގައި ކިއުރުސާއޯ އަށް އޮތް ޗެލެންޖަކީ، ވޯލްޑް ކަޕްގައި ކުޅެ ކާމިޔާބު ހޯދާފައިވާ ޓީމުތަކެއް ހިމެނޭ ގްރޫޕެއްގައި ވާދަކުރުމެވެ. ކިއުރުސާއޯއާ އެއް ގްރޫޕެއްގައި ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ދެކުނު އެމެރިކާގެ އެކުއެޑޯ އާއި އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ އައިވަރީ ކޯސްޓް އެވެ. މީގެ ތެރެއިން ކޮންމެ ޓީމަކީ ވެސް ކިއުރުސާއޯ އަށް ވުރެން ރޭންކިން އެތައް ގުނައެއް ރަނގަޅު ލެވަލްގައި އޮތް ގައުމުތަކެއް ކަމަށްވުުމުން، ކިއުރުސާއޯ އަށް ކަށިން ހިތްވަރުނެރެ މަސައްކަތް ކުރުން ނޫން ގޮތެއް ނެތެވެ.

ކުރަސާއޯގެ މެޗުތައް

ގްރޫޕް ސްޓޭޖް