← ހުރިހާ ޓީމެއް
Croatia
CRO

ކްރޮއޭޝިއާ

Croatia · GROUP L

ކްރޮއޭޝިއާގެ ވަކި ދައުލަތެއް ގާއިމުކުރި ފަހުން، އެ ގައުމުން އެންމެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެއްގައި ވާދަކުރީ 1998 ވަނަ އަހަރު އެވެ. ފްރާންސްގައި އެ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ކްރޮއޭޝިއާ އިން ހޯދި އެވެ. މިއީ ކްރޮއޭޝިއާ ވޯލްޑް ކަޕްގައި ވާދަކުރާ ހަތް ވަނަ ފަހަރެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވާދަކުރި ހަ ފަހަރުގެ ތެރެއިން، ތިން ފަހަރު އެ ގައުމުން ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. އެހެންކަމުން، ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވަނީ ރަނގަޅު ރެކޯޑެއް ގާއިމްކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ނުކުންނާނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކާއެކު އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައިވެސް ކްރޮއޭޝިއާ އަކީ ރަނގަޅު ހިސާބަކަށް ދެވޭ ފެންވަރުގެ ޓީމެކެވެ.

ކުރީގެ ޔޫގޮސްލާވިއާ ރޫޅުމަށް ފަހު، ކްރޮއޭޝިއާގެ މިނިވަން ދައުލަތެއް ގާއިމުވި ފަހުން އެ ޓީމު ކޮލިފައިވި ފުރަތަމަ ވޯލްޑް ކަޕަކީ ފްރާންސްގައި 1998 ވަނަ އަހަރު އޮތް މުބާރާތެވެ. ހީކުރި ގޮތާ ހިލާފަށް، އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ކްރޮއޭޝިއާ ދަތުރުކުރި އެވެ. ޑާވޯ ސުކާ އާއި ޒިވޮނިމިރް ބޮބާން އާއި އީގޯ ޓޫޑޯ ރޮޮބަޓް ޔާނީ ފަދަ ކުޅުންތެރިން ހިމެނޭ ކްރޮއޭޝިއާ ޓީމުން އެ މުބާރާތް ނިންމާލީ ތިން ވަނަ ހޯދައިގެނެވެ.

އޭގެ ފަހުން 2002، 2006 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައިވި ނަމަވެސް، ތިން މުބާރާތުން ވެސް އެ ޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ދެކުނު އެފްރިކާގައި 2010 އަހަރު އޮތް ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައިނުވެ އެވެ. ކްރޮއޭޝިއާ ވަނީ ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުުރުކޮށްފަ އެވެ. ފައިނަލްގައި އެ ޓީމު ބަލިވީ ފްރާންސް އަތުންނެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކްރޮއޭޝިއާ ނިންމާލީ ތިން ވަނައިގަ އެވެ.

ކްރޮއޭޝިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އެލްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގުރޫޕްގެ އެއްވަނަ ކްރޮއޭޝިއާ އިން ކަށަވަރުކުރީ ބާކީ އެއް މެޗު އޮއްވަ އެވެ. ކޮލިފައިންގައި ކްރޮއޭޝިއާ ކުޅުނު 8 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ކްރޮއޭޝިއާ ކޮލިފައިންގައި މެޗަކުން ބަލިނުވެ އެެވެ. ކޮލިފައިންގައި ކްރޮއޭޝިއާ ޖުމްލަ 26 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ ހަތަރު ލަނޑެވެ.

ކްރޮއޭޝިއާ ޓީމުގައި ވޯލްޑް ކަޕްގެ ތަޖުރިބާ ހޯދައިފައިވާ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ،40، އަކީ އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މޮޑްރިޗާ އެކު، ފާއިތުވި އަހަރުތަކުގައި ކްރޮއޭޝިއާ ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ އިވާން ޕެރިސިޗް ،37، އާއި އަންދްރޭޖް ކްރަމަރިޗާއި މަޓެއޯ ކޮވަސިޗް އަދި ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ހިމެނެ އެވެ. މީގެ އިތުރުން، ބަޔާން މިއުނިކްގެ ޖޯސިޕް ސްޓެނިސިޗާއި ޓޮރީނޯގެ ނިކޮލާ ވްލަސިޗާއި އޭޓަލާންޓާގެ މާރިއޯ ޕަސަލިޗަކީ ކްރޮއޭޝިއާގެ މުހިންމު ކުޅުންތެރިންނެވެ.

ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުން ދެ މުބާރާތަށް ބަލާއިރު ވެސް ކްރޮއޭޝިއާ ފެނިގެން ގޮސްފައިވަނީ ޖެހިލުން ކުޑަ ޓީމެއްގެ ގޮތުގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ކްރޮއޭޝިއާ ސްކޮޑުގައި ވެސް ތިބީ ނަން މަޝްހޫރު ވަރުގަދަ ގައުމުތަކަށް ދުލެއް ނުދޭނެ ލެވަލްގެ ކުޅުންތެރިންނެވެ.

ކްރޮއޭޝިއާގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32