ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެކޭ އެއް ގޮތަށް ކޮލަމްބިއާ އަކީ ފުޓްބޯޅައިގެ ފޯރިގަދަ ގައުމެކެވެ. ކޮލަމްބިއާ ވަނީ މީގެ ކުރިން ހަ ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ކޮލަމްބިއާގެ ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ކޮލައިނުވުމުން، މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންނަށް ކޮލަމްބިއާ ނުކުތީ އާ ހިތްވަރަކާއެކު އެވެ. އަދި ކާމިޔާބު ކެމްޕޭނަކަށް ފަހު، ކޮލަމްބިއާ ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ކޮލަމްބިއާގެ ފުރަތަމަ ވޯލްޑް ކަޕަކީ ޗިލީގައި 1962 ވަނަ އަހަރު އޮތް މުބާރާތެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޗިލީ ވަނީ ކަޓައިފަ އެވެ. ކޮލަމްބިއާގެ ދެ ވަނަ ވޯލްޑް ކަޕަކީ 1990 ވަނަ އަހަރު އިޓަލީގައި އޮތް މުބާރާތެވެ. އެ މުބާރާތުގެ ގަދަ 16 ބުރަށް ކޮލަމްބިއާ ދަތުރުކުރި އެވެ.
ކޮލަމްބިއާ އިން 1994 ވަނަ އަހަރާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ވާދަކުރިއެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ތިން ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ.ކޮލަމްބިއާ ވޯލްޑްް ކަޕަށް އެނބުރި އައީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުން ޖާގަ ހޯދައިގެންނެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ކޮލަމްބިއާ ދަތުރުކުރި އެެވެ. މިއީ، ވޯލްޑް ކަޕެއްގައި ކޮލަމްބިއާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގައި ކޮލަމްބިއާ ވޯލްޑް ކަޕްގެ ޖާގަ ހޯދީ ތިން ވަނަ މަގާމު ހޯދައިގެނެވެ. ކޮލަމްބިއާ ވަނީ ކޮލިފައިންގައި ބާކީ އެއް މެޗު އޮއްވައި، ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެެވެ.
ކޮލަމްބިއާ ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ހަތް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ބަލިވީ ހަތަރު މެޗުންނެވެ. ކޮލިފައިން ބުރު ކޮލަމްބިއާ ނިންމާލީ ވަރުގަދަ ބްރެޒިލް އާއި އުރުގުއޭ އަށް ވުރެ ކުރީގައި އޮވެގެނެވެ.
ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަކީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާއަކީ ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ކޮލަމްބިއާ ދަތުރުކުރިއިރު، ޓީމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އެއީ އެ ފަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެެވެ. ކްލަބު ކެރިއަރުގަިއ ރެއާލް މެޑްރިޑް، ބަޔާން މިއުނިކް އަދި ޕޯޓޯ އަށް ކުޅެފައިވާ ހަމޭސްގެ ތަޖުރިބާ ކޮލަމްބިއާ ޓީމަށް ވަރަށް މުހިންމެވެ.
ކޮލަމްބިއާ ޓީމުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔަކީ ބަޔާން މިއުނިކްގެ ފޯވަޑް ލުއިސް ޑިއާޒް އެވެ. ގައުމީ ޓީމަށް 2018 ވަނަ އަހަރު ކުޅެން ފެށި ޑިއާޒް އަކީ މި ވަގުުތު ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވަޑެވެ.
ކޮލަމްބިއާގެ ޓީމުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނޭ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ އާއި ޑިފެންޑަރު ޔެރީ މިނާ އާއި ޑަވިންސަން ސަންޗޭޒާއި ހުއާން ކުއަޑްރާޑޯ އަކީ ކޮލަމްބިއާ ފުޓްބޯޅައިގައި މިދިޔަ 10 ވަރަކަށް އަހަރު ގަވާއިދުން ކުޅެމުން އައި ކުޅުންތެރިންނެވެ.