މިއީ އެފްރިކާގެ ހުޅަނގުގައި އޮތް ޖާޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑޭއަށް ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ބައި ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ކޭޕް ވާޑް ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ބޮޑު ކާމިޔާބެކެވެ.
ކޭޕް ވާޑް އަކީ އާބާދީ އާއި ބިމުގެ ބޮޑު މިނަށް ބަލާއިރު، މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއްގައި ވާދަކުރާ އެންމެ ކުޑަ އެއް ގައުމެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ފުޓްބޯޅަ ކުރިއެރުވުމަށް ފާއިތުވި އަހަރުތަކުގައި އެ ގައުމުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. ތަފާތު ދަރިކޮޅުގެ މީހުން އެއްބައިވެ، ފުޓްބޯޅަ ކުރިއެރުވުމަށް ކުރި މަސައްކަތުން ކޭޕް ވާޑްއިން ވަނީ ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެ.
1975 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ލިބުމުގެ ކުރިން ކޭޕް ވާޑް އޮތީ ޕޯޗުގަލްގެ ބައެއްގެ ގޮތުގަ އެވެ. މިނިވަންކަން ލިބުނު ނަމަވެސް، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އުފެދުނީ 1982 ވަނަ އަހަރު އެވެ. އަދި ފީފާގެ މެމްބަރުކަން ލިބުނީ 1986 ވަނަ އަހަރުގެ ތެރޭގަ އެވެ. ކޭޕް ވާޑް އެންމެ ފުރަތަމަ ބައިވެރިވީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގަ އެވެ. ފީފާގެ މެމްބަރުކަން 1986 ވަނަ އަހަރު ލިބުނު ނަމަވެސް، 1986 އިން 1998 އާ ހަމައަށް ކޮލިފައިންގައި އެ ޓީމު ބައިވެރިއެއް ނުވެ އެވެ. ވޯލްޑް ކަޕް 2002ގެ ކޮލިފައިން އިން ފެށިގެން، އެ ޓީމުން ދަނީ ގަވައިދުން ކޮލިފައިންގައި ވާދަކުރަމުންނެވެ.
އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ޑީގެ އެއް ވަނަ ކޭޕް ވާޑް ހޯދީ ވަރުގަދަ ކެމަރޫން ފަހަތަށް ޖައްސާލުމަށްފަހު އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ކޭޕް ވާޑް ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކޭޕް ވާޑް މަގުފަހިވި އެންމެ ބޮޑު ސަބަބަކީ އަމިއްލަ ދަނޑުގައި އެ ޓީމު ރަނގަޅު ފޯމެއްގައި އޮތުމެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވިއިރު، އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ އެވެ. މި ގުރޫޕްގެ އެއްވަނަ ކޭޕް ވާޑް އިން ހޯދީ ދެވަނައިގައި އޮތް ކެމަރޫންގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ.
ކޭޕް ވާޑްގެ ކެޕްޓަން ރަޔަން މެންޑެސް އަކީ ޔޫރަޕްގެ ލީގުތަކުގައި ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިއެކެވެ. އުމުރުން 36 އަހަރުގެ މެންޑެސް ވަނީ އޭނާގެ ދިގު ކެރިއަރުގައި ފްރާންސްގެ ލިލް އަދި އިންގްލެންޑްގެ ނޮޓިންހަމް ފޮރެސްޓަށްވެސް ކުޅެފަ އެވެ.
މެންޑެސް ކޭޕް ވާޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގަ އެވެ. މެންޑެސް އަކީ މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ބެންފީކާ އަށް ކުޅެމުންދާ ޒުވާން ޑިފެންޑަރު ސިޑްނީ ލޯޕޭސް ކަބްރާލް އަކީ ވެސް ކޭޕް ވާޑްގެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ ލޯޕޭސް ގައުމީ ޓީމަށް ކުޅެންފެށީ 2023 ވަނަ އަހަރެވެ.
ކޭޕް ވާޑްގައި އޮތީ ޒުވާން ކުޅުންތެރިންތަކާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނި ކޮށްފައިވާ ސްކޮޑެކެވެ. އެގޮތުން ނޫނޯ ޑަ ކޮސްޓާ އާއި ލެސްޓިން ކަމޯއޭސް އާއި ވިލީ ސެމޭޑޯއަކީ ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުޅުންތެރިންނެވެ.