← ހުރިހާ ޓީމެއް
Canada
CAN

ކެނެޑާ

Canada · GROUP B

މިއީ ކެނަޑާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ، 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، މުބާރާތުން ކެޓީ އެވެ. އަދި، އޭގެ 36 އަހަރު ފަހުން، ކެނަޑާ އިން ވޯލްޑް ކަޕަކަށް އެނބުރި އައިސް، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައި ވާދަކޮށް، އެ ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. އެހެންކަމުން، ކެނަޑާގެ ފުޓްބޯޅަ ތާރީހުގައި މިހާތަނަށް ވޯލްޑް ކަޕްގެ އެއްވެސް މެޗަކުން މޮޅެއް ލިބިފައި ނެތުމަކީ، މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން އެންމެ ބޮޑަށް ބަދަލުކުރަން ބޭނުންވާ ކަންތަކެވެެ.

ފީފާ ވޯލްޑް ކަޕެއް ބޭއްވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ކެނަޑާ އަށް ލިބިގެންދިޔައިރު، މި ފަހަރުގެ މުބާރާތް އެ ގައުމުން ހޯސްޓްކުރަނީ، އެމެރިކާ އާއި މެކްސިކޯއާ ގުޅިގެންނެވެ. ކެނަޑާގެ ދެ ސިޓީއެއްގައި ވޯލްްޑް ކަޕްގެ މެޗުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ކެނަޑާ ހިމެނޭ ގްރޫޕް ބީގައި ދެން އޮތީ، ބޮސްނިއާ، ގަތަރު އަދި ސްވިޒަލެންޑް އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، މިއީ، ކެނަޑާ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭ ވަރުގެ ގްރޫޕެކެވެ. ކެނަޑާ އިން މުބާރާތުގެ ފުރަތަމަ މެޗުގައި ބޮސްނިއާއާ ކުޅޭއިރު، ދެ ވަނަ މެޗުގައި ކުޅޭނީ ގަތަރާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ސްވިޒަލެންޑާ ބައްދަލުކުރާނެ އެވެ.

ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ކްލަބްތައް ކަމަށްވާ އާރްބީ ލައިޕްޒިގާއި ލީޑްސް ޔުނައިޓޭޑަށް ކޯޗުކޮށްދިން ޖެސީ މާޝް އަކީ 2024 ވަނަ އަަހަރުން ފެށިގެން ކެނަޑާ ފުޓްބޯޅަ ޓީމުގެ ކޯޗެވެ.. ބަޔާން މިއުނިކްގެ ތަރި އަލްފަންސޯ ޑޭވިސްގެ ކެޕްޓަންކަމުގައި ކުޅޭ ކެނަޑާ އަކީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އެ ގޮތުން، ޔުވެންޓަސްގެ ފޯވާޑް، ޖޮނަތަން ޑޭވިޑް އަކީ ކެނަޑާގެ އެޓޭކް ބައްޓަން ކުރުމުގައި އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔާ އެވެ.

މާޝް ހަވާލުވި ފަހުން ކެނަޑާ އިން ކުޅުނު ފުރަތަމަ 29 މެޗުގެ ތެރެއިން އެ ޓީމުން 12 މެޗުން މޮޅުވިއިރު، 12 މެޗުން ވީ އެއްވަރެވެ. ބަލިވެފައިވަނީ ފަސް މެޗުންނެވެ. މި ވަރުގެ ރެކޯޑަކާ އެކު، މާޝް، ކެނަޑާ ގޮވައިގެން ވޯލްޑް ކަޕަށް ކުރިމަތިލުމަކީ އެ ގައުމުގެ ފުޓްބޯޅައިގައި ތާރީހީ މުބާރާތަކަށް މި ފަހަރުގެ ވޯލްޑް ކަޕް ހެދޭނެަ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަބަބެކެވެ.

ކެނެޑާގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16