← ހުރިހާ ޓީމެއް
Brazil
BRA

ބްރެޒިލް

Brazil · GROUP C

ފީފާ ވޯލްޑް ފުޓްބޯޅަ މުބާރާތް ބޭއްވި ކޮންމެ ފަހަރަކު އެ މުބާރާތުގައި ވާދަކުރުމުގެ ސައްތަ އިން ސައްތަ ފުރިހަމަ ރެކޯޑެއް އޮތް ގައުމަކީ އެ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ބްރެޒިލް އެވެ. ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެ ޓީމަށް މިހާތަނަށް ކޮލިފައިންގައި ކުރިމަތިވި އެންމެ ދަށް ނަތީޖާއާ އެކު އެވެ. އިޓަލީގެ މަޝްހޫރު ކޯޗު، ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕްގެ ފަސް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ބްރެޒިލުން ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވީ އަށް މެޗުންނެވެ. ހަ މެޗުން ބަލިވިއިރު، ހަތަރު މެޗު ވަނީ އެއްވަރުވެފަ އެވެ.

ބްރެޒިލުން އެންމެ ފަހުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ މީގެ 24 އަހަރު ކުރިން، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕުންނެވެ. ވޯލްޑް ކަޕްގެ ތަށި، ބްރެޒިލުން ހަތަރު ވަނަ ފަހަރަށް ހޯދީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ބްރެޒިލް މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ. އެހެންކަމުން، މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޕްރެޝަރު ބްރެޒިލަށް އޮތީ ބޮޑުވެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ޓިކެޓް އަގުބޮޑު ޓީމުތަކުގެ ތެރޭގައި ބްރެޒިލްގެ މެޗުތައް ހިމެނެ އެވެ. އެމެރިކާގެ ވިސާ ލިބުން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ބްރެޒިލް އޮތްއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް މެޗުތަކުގައި އެންމެ ގިނަވާނީ، އެކި ގައުމުތަކަށް ނިސްބަތްވާ ބްރެޒިލް ސަޕޯޓަރުން ކަމަށް ބްރެޒިލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންކަމުން، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ބްރެޒިލަށް ނިސްބަތްވާ ސަޕޯޓަރުން ގިނަ ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނޭ ގްރޫޕްގައި ދެން އޮތީ މޮރޮކޯ، ހައިޓީ އަދި ސްކޮޓްލެންޑް އެވެ. މީގެ ތެރެއިން، އެފްރިކާގެ ޗެމްޕިއަން ކަމަށް ކާފް އިން ކަނޑައަޅާފައިވާ މޮރޮކޯ އަކީ ބްރެޒިލަށް އެންމެ ބޮޑު ޗެލެންޖު ކަމަށް ގިނަ ބަޔަކު އެއްބަސްވި ނަމަވެސް، އަންޗެލޮޓީ ދެކޭގޮތުގައި ސްކޮޓްލެންޑަކީ ވެސް މި ފަހަރުގެ ވޯލްޑް ކަޕްގައި ވަރުގަދަ ޗެލެންޖެއް ދޭނެ ގައުމެެކެވެ.

ބްރެޒިލުން މި ފަަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލަނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެފައިނޫން ކަމުގައި ވިޔަސް ވޯލްޑް ކަޕްގައި ހުރިހާ ގޮތަކުން ވެސް ބްރެޒިލްގެ ވިސްނުން ތަފާތުވާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. ކުރިން ބްރެޒިލްގައި ހިމެނުނު ފަދަ ނަން މަޝްހޫރު ކުޅުންތެރިން ބްރެޒިލް ޓީމުގައި މިހާރު މަދުވި ނަމަވެސް، ހުނަރަށް ބަލާއިރު، ބްރެޒިލްގައި ދަށް ކުޅުންތެރިއަކު ނެތް ކަމަށް ވެސް އަންޗެލޮޓީ ބުނެފައިވެ އެވެ.

ބްރެޒިލްގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32

ރައުންޑް އޮފް 16