ބޮސްނިއާ އަކީ މި ފަަހަރުގެ ފީފާ ވޯލްޑް ކަޕަށް އެންމެ ފަހުން ކޮލިފައިވި ގައުމުތަކުގެ ތެރެއިން ގައުމެވެ. އެ ޓީމުން މުބާރާތަށް ކޮލިފައިވީ، ޔޫރަޕްގެ ޕްލޭއޮފް ބުރުގެ ފައިނަލެއްގައި ވޯލްޑް ކަޕް ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ ކަޓުވާލުމަށް ފަހު އެވެ. ކޮލިފައިން ގްރޫޕް އެޗްގައި އޮސްޓްރިއާ ފަހަތުން ދެ ވަނަ އަށް ދިޔަ ބޮސްނިއާ އިން ޕްލޭއޮފްގައި ފުރަތަމަ ކުޅުނީ ވޭލްސްއާ ދެކޮޅަށެވެ. ޕެނަލްޓީ ޖަހައިގެން ވޭލްސްގެ މައްޗަށް ކުރިހޯދައި، ބޮސްނިއާ އިން ޕްލޭއޮފް ފައިނަލުގައި އިޓަލީއާ ކުޅުމުގެ ފުރުސަތު ހޯދި އެވެ. އިޓަލީ އަތުން ވެސް މޮޅުވީ، ޕެނަލްޓީ ޖަހައިގެންނެވެ. ޗެކް ރިޕަބްލިކެކޭ އެއް ގޮތަށް، ބޮސްނިއާ ވެސް ވޯލްޑް ކަޕުގެ ޖާގަ ހޯދީ ޕްލޭއޮފް ދެ މެޗުން ވެސް ޕެނަލްޓީގައި މޮޅުވެގެންނެވެ.
ކުރިން ބޮސްނިއާ ގައުމީ ޓީމަށް ކުޅެފައިވާ ސާގޭއި ބާބަރޭޒް އެ ޓީމާ ހަވާލުވީ 2024 ވަނަ އަަހަރު އެވެ. ބޮސްނިއާ ކޯޗުކަމާ ހަވާލުވެ، ސާގޭއި ބާބަރޭޒް ވަނީ މިހާތަނަށް ކޯޗުކޮށްދިން 20 މެޗުން އަށް މެޗު މޮޅުކޮށްދީފަ އެވެ. ހަމަ އެ އަދަދަށް މެޗުން ބަލިވި ނަމަވެސް، ބޮސްނިއާގެ ކުޅުންތެރިން ބޭނުންވާ އަދި ސަޕޯޓަރުން ގަޔާވާ ކުޅުމެއް ސާގެއި ބާބަރޭޒްގެ ބެލުމުގެ ދަށުން ބޮސްނިއާ އިން ދައްކަމުން އަންނާތީވެ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ އަށް ދިން އެއްބާރުލުމާ އެކު، އެ ޓީމުން މި ވަނީ، 12 އަހަރަށް ފަހު ވޯލްޑް ކަޕަށް އެނބުރި އައިސްފަ އެވެ.
ބޮސްނިއާ އިން މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅެފައިވަނީ، 2014 ވަނަ އަހަރު އެވެ. ބްރެޒިލްގައި އެ ފަހަރު ބޭއްވި ވޯލްޑް ކަޕްގައި ބޮސްނިއާ އިން ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން 2-1 އިން ބަލިިވިއިރު، ދެ ވަަނަ މެޗުގައި ނައިޖީރިއާ އަތުން 1-0 އިން ބަލިވި އެވެ. އެކަމަކު، ކުޅުނު ފަހު މެޗުން ބޮސްނިއާ އިން ވަނީ 3-0 އިން އިރާން ބަލިކޮށްފަ އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ބޮސްނިއާ ޓީމު ވޯލްޑް ކަޕްގައި ލީޑުކުރާނީ 41 އަހަރުގެ ފޯވާޑް، އެޑިން ޖެކޯ އެވެ. އޭނާގެ ލީޑަޝިޕާ އެކު، މި ފަހަރުގެ ވޯލްޑް ކަޕްގައި ބޮސްނިއާ އަކީ ސަޕްރައިޒިން ޓީމަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް ޔޫރަޕްގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ބޮސްނިއާއިން އަމާޒު ހިފާފައި ވަނީ ކެނަޑާ، ގަތަރު އަދި ސްވިޒަލެންޑާ އެކު އޮތް ގްރޫޕުން އެންމެ ފުރަތަމަ ގްރޫޕް ސްޓޭޖު ފަހަނައަޅައިދާ ޓީމަކަށް ވުމަށެވެ.