ބެލްޖިއަމް އަކީ ފުޓްބޯޅައިގައި ދިގު ތާރީހެއް އޮތް ގައުމެކެވެ. ބެލްޖިއަމް މި ފަހަރު މި ކުރިމަތިލަނީ އެ ގައުމުގެ 15 ވަނަ ވޯލްޑް ކަޕަށެވެ. އަދި، މިއީ، ވޯލްޑް ކަޕްގައި އެ ގައުމުން ޖެހިޖެހިގެން ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ލިބުނު ނާކާމިޔާބާއާއެކު، މި އަހަރުގެ ވޯލްޑް ކަޕްގެ ނަތީޖާ ރަނގަޅުކުރުމަށް ބެލްޖިއަމްގެ އިން އަމާޒު ހިފާނެ އެވެ. ބެލްޖިއަމް އަކީ 1930 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި ވޯލްޑް ކަޕްގައި ބައިވެރިވި ގައުމެކެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގައި ބެލްޖިއަމް ވާދަކުރި އެވެ. އޭގެ ފަހުން ވެސް ގިނަ އަހަރުތަކެއްގައި ބެލްޖިއަމް ވޯލްޑް ކަޕްގައި ވާދަކުރި އެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕަކީ މުބާރާތުގެ ދެވަނަ ބުރު ފަހަނައަޅައި ބެލްޖިއަމް ދަތުރުކުރި ފުރަތަމަ މުބާރާތެެވެ. އެ މުބާރަތް ބެލްޖިއަމް ނިންމާލީ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ.
ބެލްޖިއަމް އިން ވޯލްޑް ކަޕްގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދީ 2018 ވަނަ އަހަރު ރަޝިއާގައި
ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ ތިން ވަނަ ބެލްޖިއަމް ހޯދި އެވެ. އެކަމަކު، އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ނަތީޖާ ދަށެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ބެލްޖިއަމް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. މިއީ 1998 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ގުރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފުރަތަމަ ފަހަރެވެ.
ބެލްޖިއަމް މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޔޫރަޕް ކޮލިފައިންގައި ގުރޫޕް ޖޭގައި އެ ޓީމު ކުޅުނު 8 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވިއިރު، އެންމެ މެޗަކުން ވެސް ބަލިނުވެ އެވެ.
ކޮލިފައިންގައި ބެލްޖިއަމް 29 ލަނޑު ޖެހިއިރު، އެ ޓީމު ކޮޅަށް ވަނީ ހަތް ލަނޑެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް ފެނުނީ ރަނގަޅު ފޯމެއްގައެެވެ.
ބެލްޖިއަމްގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔަކީ ކެވިން ޑިބްރޭނާ އެވެ. ބެލްޖިއަމްގެ ޓީމުން މި ފަހަރަކަށް އައިސް ހޯދި ކާމިޔާބީތަކުގެ މުގުލުގައި ހުރީ ޑިބްރޭނާ އެވެ. ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ އަކީ ވެސް އެ ޓީމުގެ މުހިންމު ކުޅުންތެރިއެވެ. އަނިޔާގެ މައްސަލަތަކެއް ކުރިމަތިވިޔަސް، ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ގޯލު ބަލަހައްޓާނެ ކަމަށް ބެލެވެނީ ކޯޓުއާ އެވެ.
ބެލްޖިއަމްގެ ފޯވަޑްލައިން ލީޑު ކުރާނީ ނަޕޯލީގެ ފޯވަޑް ރޮމެއޫ ލުކާކޫ އެވެ. ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހޯދާފައިވާ ލުކާކުއާ އެކު، މެންޗެސްޓާ ސިޓީގެ ޖެރެމީ ޑޮކޫ އާއި އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑްވެސް އެޓޭކްގައި މުހިންމު ރޯލެއް އަދާކުރާނެ އެވެ.
ބެލްޖިއަމްއަކީ މޮޅެތި ގިނަ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. ފާހަގަކޮށްލަންޖެހޭ އިތުރު ކުޅުންތެރިންގެ ތެރޭގައި ޔޫރީ ޓިއެލްސްމަންސް، އެެލެކް ވިޓްސެލް އަދި އަމަދޫ އޮނާނާ ހިމެނެ އެވެ.