ސެންޓްރަލް ޔޫރަޕްގެ ގައުމެއް ކަމަށްވާ އޮސްޓްރިއާ ވޯލްޑް ކަޕެއްގައި މި ވާދަކުރަނީ 28 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޮސްޓްރިއާ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރު އެވެ.
އޮސްޓްރިއާގެ ފުޓްބޯޅަ އަށް 2000 ގެ ފުރަތަމަ އަހަރުތަކުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެ ޓީމުން ކުރި މަސައްކަތްތައް ކާމިޔާބެއްނުވި އެވެ.
އެހެން ނަމަވެސް، ފުޓްބޯޅަ ކުރިއެރުވުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރި މަސައްކަތުން، 2016 ވަނަ އަހަރުން ފެށިގެން އޮސްޓްރިއާ ފެންނަނީ ރަނގަޅު ޓީމެއްގެ ގޮތުގަ އެވެ. އޮސްޓްރިއާ އިން ވަނީ 2016، 2020 އަދި 2024ގެ ޔޫރޯއަށް ކޮލިފައިވެފަ އެވެ. އަދި ތަޖުރިބާކާރު ކޯޗު ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން 28 އަހަރުގެ މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕްގެ ޖާގައެއް ވެސް ވަނީ ހޯދައިފަ އެވެ.
އޮސްޓްރިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 1934 ވަނަ އަހަރެވެ. އެ މުބާރާތުގެ ހަތަރު ވަނަ އޮސްޓްރިއާ އިން ހޯދި އެވެ. އެހެން ނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން އޮތް ފީފާ ވޯލްޑް ކަޕްގައި އޮސްޓްރިއާ އަށް ވާދައެއް ނުކުރެވުނެވެ.
ނާޒީ ޖަރުމަނާއި އޮސްޓްރިއާ އެއްކޮށްލުމުން، އޮސްޓްރިއާގެ ފުޓްބޯލް އެސޯސިއޭޝަން އުވާލައި، 1938 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރިއާގެ ކުޅުންތެރިން ކުޅުނީ ޖަރުމަންގެ ޓީމަށެވެ. ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އޮސްޓްރިއާ އިން އަލުން ގައުމީ ޓީމު އެކުލަވާލައި، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވި އެވެ. އަދި، އެ މުބާރާތުގެ ތިން ވަނަ އެ ޓީމުން ހޯދި އެވެ. މިއީ، ވޯލްޑް ކަޕެއްގައި މިހާތަނަށް އޮސްޓްރިއާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
އޭގެ ފަހުން، އޮސްޓްރިއާ ވަނީ 1978، 1982، 1990، އަދި 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.
އޮސްޓްރިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް އެޗްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އޮސްޓްރިއާ އިން ކޮލިފައިން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. ކޮލިފައިންގައި ކުޅުނު ފުރަތަމަ ފަސް މެޗުން އެ ޓީމު މޮޅުވި އެވެ.
ރޫމޭނިއާ އަތުން 1-0 އިން އޮސްޓްރިއާ ބަލިވުމުން، މި ގުރޫޕްގެ ވާދަވެރިކަން ބޮޑުވި އެވެ. އެހެން ނަމަވެސް، ކޮލިފައިންގެ އެންމެ ފަހު މެޗުގެ ކުރިން ސައިޕްރަސްއާ ދެކޮޅަށްް ކުޅުނު މެޗުން އޮސްޓްރިއާ އިން މުހިންމު މޮޅެއް ހޯދި އެވެ.
އެ މެޗުން ލިބުނު މޮޅާއެކު، ގުރޫޕްގެ އެއް ވަނަ ކަށަވަރުކުރުމަށް ކޮލިފައިންގެ ފަހު މެޗުގައި އޮސްޓްރިއާ އިން ބޭނުންވީ އެންމެ ޕޮއިންޓެކެވެ. ބޮސްނިއާ އެންޑް ހެެރަޒަގޮވީނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ގުރޫޕްގެ ފަހު މެޗު އެއްވަރުކޮށް، އޮސްޓްރިއާ އިން ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
އޮސްޓްރިއާ އިން ގުރޫޕްގެ އެއް ވަނަ ހޯދީ 19 ޕޮއިންޓާއެކު އެވެ. ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ޖުމްލަ 22 ލަނޑު އެ ޓީމު ޖެހިއިރު، ބައިކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ.
އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އަކީ ޔޫރަޕްގެ އެންމެ މަތީ ލެވެލްގައި ކުޅެމުންދާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑަށް މިހާރު ކުޅެމުންދާ އަލަބާ ވަނީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ރެއާލް އާއި ބަޔާން މިއުނިކްއާ އެކު ހޯދި ނަމަވެސް، މިއީ އުމުރުން 33 އަހަރުގެ އަލަބާގެ ފުރަތަަމަ ވޯލްޑް ކަޕެވެ.
އޮސްޓްރިއާ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން، ފޯވަޑް މާކޯ އާނައުޓޮވިޗް އަކީ މިހާރު ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޮސްޓްރިއާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އާނައުޓޮވިޗް ވަނީ ކޮލިފައިންގައިވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑަށް މިހާރު ކުޅެމުންދާ އުމުރުން 37 އަހަރުގެ އާނައުޓޮވިޗް އަކީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ، ތަޖުރިބާކާރު ފޯވަޑެކެވެ.
އޮސްޓްރިއާ ޓީމުން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ބޮރޫޝިއާ ޑޯޓްމަންޓްގެ މާސެލް ސަބިސްޓާ އާއި ބަޔާން މިއުނިކްގެ ކޮންރާޑް ލައިމާ އާއި ޑޯޓްމަންޑްގެ ކާނޭ ޗުކްވުއެމެންކާ ހިމެނެ އެވެ.