މިއީ، އޮސްޓްރޭލިއާ އިން ފީފާ ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޮސްޓްރޭލިއާ އިން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން، ހަތް ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިނުވެދިޔައިރު، 32 އަހަރު ފަހުން އެ ޓީމުން ވޯލްޑް ކަޕަށް އެނބުރި އައީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕަށެވެ. އޭގެ ފަހުން ބޭއްވި ހަތަރު ވޯލްޑް ކަޕްގައި ވެސް އޮސްޓްރޭލިއާ ކުޅެފައިވާއިރު، މިހާތަނަށް ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ އަށް އެންމެ ދުރަށް ދެވިފައިވަނީ، ގަދަ 16 ބުރާ ހަމައަށެވެ. އެއީ، 2006 ގައި ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕާއި އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ.
އޮސްޓްރޭލިއާ އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އަށް ވަނަ އަށް ކޮލިފައިވި ގައުމެވެ. އެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދީ އޭއެފްސީ ކޮލިފައިން ތިން ވަނަ ބުރުގެ ގްރޫޕް ސީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ޖަޕާނާއި ސައުދީ އަރަބިއްޔާ ހިމެނޭ ގްރޫޕެއްގައި ކޮލިފައިންގައި ކުޅުނު އޮސްޓްރޭލިއާ އިން ކޮލިފައިން ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން ބަލިވީ ކޮލިފައިންގެ ފުރަތަމަ މެޗުގައި ބަހްރޭން އަތުންނެވެ. އޭގެ ފަހުން، އޮސްޓްރޭލިއާ އިން ވަނީ ނަތީޖާތައް ރަނގަޅުކޮށް، ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ.
އޮސްޓްރޭލިއާގެ އުމުރުފުރާ ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޓޯނީ ޕޮޕޯވިޗް، އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވީ 2024 ވަަނަ އަހަރު އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ދެ މެޗަށް ފަހު، ޕޮޕޯވިޗް، އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވެ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ހާއްސަ ގޮތެއްގައި، އޮސްޓްރޭލިއާ ޓީމުން ކުޅެމުން އައި ސްޓައިލް، އެޓޭކިން އަށް ބޮޑަށް ވިސްނުމަށް ވުރެން، ޑިފެންސަށް ވެސް އިސްކަންދީގެން ކުޅޭ ޓީމެއްގެ ގޮތުގައި އެ ޓީމު ޑިވެލޮޕްކުރުމުގެ މަސައްކަތް ޕޮޕޯވިޗް ވަނީ ވަރަށް ފުރިހަމަ އަށް އަދާކޮށްފަ އެވެ.
އޮސްޓްރޭލިއާ ސްކޮޑުގައި މި ވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު ޔޫރަޕްގެ ވަރުގަދަ ލީގުތަކާއި އެމެރިކާ އަދި ސައުދީ އަރަބިއްޔާގެ ކްލަބްތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. ޕޮޕޯވިޗް ދެކޭގޮތުގައި، މި ފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އަށް އެންމެ ބޮޑު އެޑްވާންޓޭޖެއް ނެގޭނެ ކަމަކީ އެހެން ފަހަރުތަކަށް ވުރެން މި ފަހަރު އޮސްޓްރޭލިއާ ޓީމުގައި މަތީ ފަންތީގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ގިނަ ކުޅުންތެރިން ގިނަވުމެވެ. އޮސްޓްރޭލިއާ އަކީ މި ފަހަރު ތަފާތު ނަތީޖާތަކެއް ނެރެވޭނެ ފެންވަރު ޓީމެއް ކަމަށް ޕޮޕޯވިޗް ވެސް ގަބޫލުކުރެ އެވެ.