އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބުކޮށް، އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގެ ތަށި ތިން ވަނަ ފަހަރަށް އުފުލާލައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ އުންމީދަކަށް ވާނީ ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރާ ފުރަތަމަ ގައުމަށް ވުމެވެ.
މި ފަހަރުގެ މުބާރާތަށް ކުރިމަތިލާޢިރު، އާޖެންޓީނާއަކީ ފޭވަރިޓެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ލިއޮނެލް ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ މި ފަހަރުގެ މުބާރާތަށް ވެސް ނުކުންނާނީ ވަރުގަދަ ސްކޮޑަކާއެކު އެވެ.
އާޖެންޓީނާ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. މިހާތަނަށް ތިން ފަހަރު އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. އާޖެންޓީނާ އަކީ 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ރަނަރަޕް ޓީމެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާ މުބާރާތުގައި ވާދަކުރާ 19 ވަނަ ފަހަރެވެ. އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގެ ތަށި އުފުލާލީ 1978 ވަނަ އަހަރެވެ. އެ މުބާރާތުގެ ހޯސްޓަކީވެސް އާޖެންޓީނާ އެވެ.
އާޖެންޓީނާ އިން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލީ 1986 ވަނަ އަހަރު މެކްސިކޯގަ އެވެ. އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު، އެ ފަހަރު އާޖެންޓީނާ ތަށި ހޯދީ ފައިނަލްގައި ހުޅަނގު ޖަރުމަން ބަލިކުރުމަށްފަހު އެވެ. ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުން އާޖެންޓީނާ އިން ކުރީ ދިގު އިންތިޒާރެކެވެ. އާޖެންޓީނާ އިން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދުމުގެ ކުރިން، 1990 އަދި 2014 ވަނަ އަހަރު މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ފެށީ ބައްޔަކާއެކު އެވެ. ހައިރާންކުރެވުނު ގޮތަކަށް ސައުދީ އަރަބިއްޔާ އަތުން އާޖެންޓީނާ ބަލިވި ނަމަވެސް، އެ މެޗު ވެގެންދިޔައީ އާޖެންޓީނާއަށް ލޯ ހުޅުވަން ލިބުނު ފުރުސުތަކަށެވެ. އެ މެޗަށް ފަހު ސްކަލޯނީ ޓީމަށް ބަދަލުތައް ގެނެސް، ޓީމު ހަމައަކަށް އެޅުވި އެވެ.
މުބާރާތުގައި ދެން ކުޅުނު މެޗުތަކުގައި ފެނުނީ މުޅިން ތަފާތު ޓީމެކެވެ. މުބާރާތުގެ ނޮކް އައުޓް ބުރުން ޖާގަ ހޯދައި، އާޖެންޓީނާ އިން ފައިނަލާ ހަމައަށް ދަތުރުކުރި އެވެ. ފައިނަލްގައި ފްރާންސްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މެކްސިކޯގައި 1986 ވަނަ އަހަރު އޮތް މުބާރާތުގެ 36 އަހަރުގެ ފަހުން، އަނެއްކާ ވެސް އާޖެންޓީނާ ދުނިޔޭގެ ޗެމްޕިއަނުންގެ ލަގަބު ހޯދި އެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން އާޖެންޓީނާ ނިންމާލީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ބާކީ ފަސް މެޗު އޮއްވައި، އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އާޖެންޓީނާ ކޮލިފައިން ނިންމާލިއިރު، ދެ ވަނައިގައި އެރުއެޑޯ އޮތީ ނުވަ ޕޮއިންޓް ފަހަތުގަ އެވެ.
އާޖެންޓީނާ ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން، 12 މެޗުން ވަނީ މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވިއިރު، އެ ޓީމު ބަލިވީ ހަތަރު މެޗުންނެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް ކުޅުންތެރިޔާ އެވެ. އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މެސީ މުހިންމު ދައުރެއް އަދާކުރި އެވެ. އެ މުބާރާތުގައި މެސީ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.
މިއީ އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުންދާ މެސީ ،38، ވޯލްޑް ކަޕްގައި ފެނިގެންދާނެ ފަހު ފަހަރަށް ވުމުގެ ފުރުސަތު ބޮޑެވެ. ފާއިތުވި ސީޒަންގައި އަނިޔާގެ މައްސަތައް ދިމާވި ނަމަވެސް، އާޖެންޓީނާގެ ސަޕޯޓަރުންގެ އުންމީދަކީ ވޯލްޑް ކަޕަށް އޭނާ މުޅިން ފިޓުވުމެވެ. އާޖެންޓީނާގެ ޓީމުގައި އަދިވެސް މެސީ އަކީ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށްފަހު އާޖެންޓީނާގެ ޓީމަށް ބައެއް ބަދަލުތައް ވަނީ އައިސްފަ އެވެ. އެހެން ނަމަވެސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޓީމުގައި ތިބި ގިނަ ކުޅުންތެރިން މި ފަހަރުގެ މުބާރާތުގައިވެސް ފެނިގެންދާނެ އެވެ.
އާޖެންޓީނާގެ އެޓޭކްގައި އިންޓަ މިލާންގެ ލައުޓާރޯ މާޓިނޭޒް އަދި އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް މި ފަހަރުގެ ވޯލްޑް ކަޕްގައިވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ރޮޑްރިގޯ ޑެޕޯލް އާއި އެލެކްސިސް މެކަލިސްޓާ އާއި އެންޒޯ ފެނާންޑޭޒް އަކީ ކްރިސްޓިއަން ރޮމޭރޯ އާއި ނިކޮލަސް އޮޓަމެންޑީ އާއި ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒަަކީ ތަޖުރިބާކާރު މޫނުތަކެވެ.