← ހުރިހާ ޓީމެއް
Algeria
ALG

އަލްޖީރިއާ

Algeria · GROUP J

އަލްޖީރިއާ ވޯލްޑް ކަޕްގައި މި ވާދަކުރަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އަލްޖީރިއާ ވޯލްޑް ކަޕްގައި ވާދަކުރީ 2014 ވަނަ އަހަރު އެވެ.

އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ އަލްޖީރިއާ އަކީ އެފްރިކާގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އެފްރިކާގެ ކަޕް އޮފް ނޭޝަންސް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަލްޖީރިއާގެ އަމާޒަކަށް ވާނީ ވޯލްޑް ކަޕްގައި ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.

ފްރާންސްގެ އަތް ދަށުން އަލްޖީރިއާ އަށް މިނިވަންކަން ލިބުނީ 1962 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން، އަލްޖީރިއާ އިން އެންމެ ފުރަތަމަ ވާދަކުރީ 1970 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކޮލިފައިންގަ އެވެ.

އަލްޖީރިއާގެ ފުރަތަމަ ވޯލްޑް ކަޕަކީ 1982 ވަނަ އަހަރު ސްޕެއިންގައި އޮތް މުބާރާތެވެ. އެ މުބާރާތުގައި ފުރަތަމަ މެޗުގައި އަލްޖީރިއާ ވަނީ ވަރުގަދަ ހުޅަނގު ޖަރުމަން އަތުން މޮޅުވެފަ އެވެ. މިއީ، ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ މެޗެކެވެ.

ގުރޫޕް ސްޓޭޖުގައި ޗިލީ އަތުން ވެސް މޮޅުވެ އަލްޖީރިއާ ދެ މޮޅު ހަމަކުރި ނަމަވެސް، ލަނޑުގެ ތަފާތުން އަލްޖީރިއާ އަށް ލިބުނީ ގުރޫޕްގެ ތިން ވަނަ އެވެ. ދެ ވަނަ ބުރުގެ ޖާގައެއް އެ ޓީމަށް ލިބޭ ގޮތެއް ނުވި އެވެ.

މެކްސިކޯގައި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ވެސް އަޖްލީރިއާ ކޮލިފައިވި އެވެ. އެ މުބާރާތުގައި ވެސް އަލްޖީރިއާ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ކުޅުނު ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ވެސް އަލްޖީރިއާ ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އަލްޖީރިއާ ވަނީ ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖް ފަހަނައަޅައި ދަތުރުކޮށްފަ އެވެ. އަދި، ދެ ވަނަ ބުރުގައި ޖަރުމަންއާ ކުރިމަތިލައި، އަލްޖީރިއާ އިން ރަނގަޅު ވާދައެއް ކުރި އެވެ. އެ މެޗުން ޖަރުމަން މޮޅުވީ އިތުރު ވަގުތުގެ ތެރޭގަ އެވެ.

އަލްޖީރިއާ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ކޮލިފައިން ބުރުގެ ގުރޫޕް ޖީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އަލްޖީރިއާ މި ގުރޫޕްގައި ކުޅުނު 10 މެޗުގެ ތެރެއިން، 8 މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އަލްޖީރިއާ ބަލިވީ އެންމެ މެޗަކުންނެވެ.

ކޮލިފައިންގައި އަލްޖީރިއާ ބަލިވެފައިވަނީ ގިނީ އަތުންނެވެ. އަމިއްލަ ދަނޑުގައި ގިނީ އަތުން އަލްޖީރިއާ ބަލިވީ ކޮލިފައިންގައި ކުޅުނު ތިން ވަނަ މެޗުގަ އެވެ. އެކަަމަކު، އެ މެޗަށް ފަހު ކޮލިފައިންގައި ޖެހިޖެހިގެން ހަތަރު މެޗުން މޮލުވެ، އަލްޖީރިއާ ފެޔަށް ޖެހިލި އެވެ.

އަލްޖީރިއާގެ ކެޕްޓަން ރިޔާޒް މާރޭޒް އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ސައުދީގެ އަލް އަހްލީ އަށް ކުޅެމުންދާ މަހްރޭޒް ވަނީ އަލްޖީރިއާގެ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މާރޭޒް ގައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އޮތް ވޯލްޑް ކަޕްގައި އޭނާ އަލްޖީރިއާގެ ޓީމުގައި ކުޅުނެވެ.

މުހައްމަދު އަމޫރާ އަކީ އަލްޖީރިއާގެ ތަޖުރިބާކާރު ފޯވާޑެކެވެ. ޖަރުމަންގެ ވުލްފްސްބާގާށް ކުޅެމުންދާ އަމޫރާ ގައުމީ ޓީމަށް ކުޅެން ފެށީ 2021 ވަނަ އަހަރު އެވެ. އަލްޖީރިއާގެ ޑިފެންސްލައިނުގައި އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ސިޓީގެ ފުލް-ބެކް ރަޔާން އައިޓް-ނޫރީ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ރާމީ ބެންސެބައިނީ އެވެ. އަދި، 100 އަށް ވުރެ ގިނަ މެޗު ކުޅެދީގެން އަލްޖީރިއާ އަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ވައިސް ކެޕްޓަން އީސާ މަންޑީ، އެ ޓީމުގެ ޑިފެންސްލައިން ވަރުގަދަކޮށްދެ އެވެ.

އަލްޖީރިއާގެ މެޗުތައް

ގްރޫޕް ސްޓޭޖް

ރައުންޑް އޮފް 32